ކުޅުދުއްފުށީ ގޮންބުލިމާގެ ބަދިގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ވަނީ ނިއްވާލާފައި.. ފޮޓޯ:އެމްއެންޑީއެފް

ކުޅުދުއްފުށީ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ހދ. ކުޅުދުއްފުށި ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ އަނދައި، ވަރަށް ބޮޑަށް ގެއްލުންވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި ސިޓީ، "ގޮންބުލިމާގެ" ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނިއްވާލާފައިވާ ކަމަށާއި މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

ބަދިގޭގައި ރޯވާން ދިމާވި ސީދާ ސަބަބެއް އެނގިފައެއް ނުވެއެވެ.

ސިފައިން ބުނީ އެ ގޭގައި ރޯވިކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

ސިފައިންގެ މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 10:40 ހާއިރު ކަމަށް އެއިދާރާއިން މަޢުލޫމާތު ދެއެވެ.

advertisement
ހިޔާލު ދެއްވާ!