މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލްއިން ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ފުލުހުން ބަލަން ފަށައިފިއެވެ.
އެ އިދާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓާއެކު ހިމަނާފައިވާ ބަޔާނުގައި ވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
އަދި ވެހިކަލް ގެނައުމުގެ ގޮތުން އެކުންފުންޏަށް ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ 2024 މެއި 30 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝޫކުރު އަދާކޮށްފައެވެ.
މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުންޏަކީ ގަޑި ވިއްކުމުގައި މަޝްހޫރުކަން ހޯދި މޯލްޑިވްސް ވޭވްގެ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ މޯލްޑިވްސް ވޭވް ވެރިޔާގެ ޒާޖީ އިސްމާއިލް ޝުޖާޢުގެ މަޞްލަޙަތު އޮތް ކުންފުންޏެކެވެ.
މެގަޓްރޯން މޮޓޯސްގެ ފޭސްބުކް ޕޭޖުން އެނގޭ ގޮތުގައި އެ ކުންފުނިން ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ވެހިކަލް ވިއްކުމަށް އިޝްތިހާރުކޮށްފައެވެ. އެގޮތުން 30 އަށް ވުރެ ގިނަ ވެހިކަލް ވިއްކުމަށް އިޝްތިހާރުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ލަގްޒަރީ ކާރުވެސް ހިމެނެއެވެ.