ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގީ ހުމުގައި 6 ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާކަމަށް ކުޑަކުދިންގެ ޚާއްޞަ ޑރ. އަޙްމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައިޖީއެމްއެޗްގައި ޑެންގީ ޖެހިގެން 6 ކުއްޖަކަށް ފަރުވާދެމުންދާ ކަމަށާއި ބައެއް ކުދިންގެ ޙާލު ދެރަވެ، ލޭ އަޅަން ޖެހިފައިވާ ކަމަށެވެ.
🦟 ވަރަށް ބޯ،
6 ތުއްތު 👶 އެބައޮތް ، 🦟ހަފައި ޑެންގީޖެހިގެން ބާއްވާފައި. ބައެއް 👶ނަށް 🩸🩸ވެސް އަޅަންޖެހޭ.
މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާންނައްތާ ނުލާތި.
🦟ން ރައްކާތެރިވެލައްވާ!— Ahmed Faisal (@Faisalnaifaru) May 5, 2024
"މިއީ ފުރާނައަށް ނުރައްކާ ބައްޔެއްކަން ހަނދާން ނައްތާނުލާތި. މަދިރިން ރައްކާތެރިވޭ،" ޑރ. ފައިޞަލް އެކްސްގައި ވިދާޅުވިއެވެ.
މި ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު ޑެންގީ ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށާއި ރައްކާތެރިވެތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ޑެންގީ އަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ފުރާނައަށް ނުރައްކާވެދާނެ ފަދަ ބައްޔެއް. ޑެންގީއިން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލަމާ! pic.twitter.com/xBdYfgNaJw
— Health Protection Agency (@HPA_MV) May 4, 2024
އެ އެޖެންސީން ބުނިގޮތުގައި ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ފެތުރޭ މިންވަރު އިތުރުވެއެވެ. މިއަހަރު ވިއްސާރަ މޫސުން ދިގުލައިގެން ގޮސްފައިވާތީ މަދިރި އާލާވުން ކުރިއަށް އޮތް ތަނުގައި ގިނަވާނެކަމަށް ބެލެވޭކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
ޑެންގީ ޖެހެނީ އީޑީސް މަދިރީގެ ސަބަބުންނެވެ. އެ މަދިރިއަކީ ސާފު ފެނުގައި އުފެދޭ އެއްޗެއް ކަމުން މަދިރި އުފެދޭނެ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ޑެންގީ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ނުވަތަ ސްޕްރޭ އެއް ބޭނުންކުރުމާއި، ފަތިސް ގަޑީގައި އަދި އިރުއޮއްސޭ ވަގުތު މަދިރި އުޅޭވަރު ގިނަވާތީ ގޭގެ ދޮރުތައް އެ ގަޑިތަކުގައި ލައްޕާފައި ބެހެއްޓުން ހިމެނެއެވެ.
އަދި މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި މަދުވެގެން ހަފުތާއަކު އެއް ފަހަރު ސާފުކުރުމާއި، ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފުތާއަކު އެއް ފަހަރު ފެން ބަދަލުކުރުމާއި، ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަތަކެތި ސާފުކުރުން އަދި ފެން ނޭޅޭގޮތަށް ބަންދުކޮށްފައި ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާނުލުމާއި، ޢާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނޭހެން ބެހެއްޓުން ހިމެނެއެވެ.
1 Comment
ދެން މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ފޮގު ކޮަށް ބޭސް ޖަހަންވީނު…ބޮޑު ނުކަނޑާ!