ބޯޓޫ ފުންކުރުމުގައި ކޯސްޓްގާޑުގެ ޑައިވަރުން ޙަރަކާތްތެރިވަނީ.. ފޮޓޯ: އެމްއެންޑީއެފް

ފަރަށް އެރި ރޯޝަނީ ބޯޓު ފުންކޮށްފި

މުދާ ބަރުކޮށްގެން، 16 މީހުންނާއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި "ރޯޝަނީ" ބޯޓު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި 8 ފަޅުވެރިންނާއި 8 ފަސެންޖަރުންނާއެކު ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓު އަރާފައިވަނީ ވ.އަލިމަތާ ރިސޯޓުގެ ހުޅަނގުން 2.3 ނޯޓިކަލް މޭލު އެތެރޭގައި އޮންނަ ފަރަކަށެވެ.

ބޯޓު ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް، ޑައިވަރުންގެ ޓީމަކާއެކު ވަނީ އެ ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަހައްދަށް ދިޔައިރު، ދިޔަވަރު ހިކިފައި އޮތުމުން، ބޯޓު ފުންކުރުމުގެ މަސައްކަތްކޮށްފައިވަނީ މިއަދު ހެނދުނު ކަމަށާއި ބޯޓު ފުންކުރެވިފައިވަނީ، ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީގައި، ބޯޓުގެ ނަގިލި ފުން ހިސާބަކަށް ގެންގޮސްދިނުމުން، އެ ބޯޓުގެ ފަޅުވެރިން ނަގަލި އައްސާފައިވާ ވާގަނޑަށް ދަމައި، ބޯޓު ބޭރުކޮށްގެން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓު ފުންކުރެވިފައިވަނީ މިއަދު 11:11 ހާއިރުއެވެ.

މި ހާދިސާގައި ބޯޓުގެ ހަލްއާ ދިމާލުން ފައިބަރުގަނޑެއް ނައްޓައިގެން ގޮސްފައިވާކަމަށާއި އިތުރު ގެއްލުމެއް ބޯޓަށް ލިބިފައިވާ ކަމަށް ނުބެލެވޭކަމަށް ކޯސްޓް ގާޑުގެ ޑައިވަރުން ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!