މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ހޯމް މިނިސްޓަރުގެ ކާރު ކޮޅުގައި މީހެއްގެ ޕިކަޕެއް ޖެހުމާއި ގުޅިގެން، އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް ޢިމްރާން މަސައްކަތް ކުރެއްވުމުން އެހެން އެކަން ނުކުރެއްވުމަށް އެދި ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އިންތިޚާބީ މެންބަރު އިއްމު އެދި ލައްވައި، އެކަމާއި ގުޅޭ ވީޑިއޯއެއް އިމްރާން އާއްމު ކުރުމާއި ގުޅިގެން އެ މައްސަލާގައި އާއްމުންގެ ޚިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވާ ކަމަށެވެސް ވިދާޅުވިއެވެ.
ކަންމިހެން ހުރިއިރު، ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި ސަރުކާރުން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ! އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެ މައްސަލާގައި އަދާލަތުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ގާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅި ކަމަށެވެ. އަދި އެފަދައިން ވީޑިއޯ ކުރީ އެޕާޓީގެ ރައީސް ޢިމްރާން ފަލީހަތް ކުރުމަށް ކަމަށްވެސް ބުންޏެވެ.
އެކްސިޑެންޓް ހިނގީ އުމުރުން ދުވަސްވީ މީހަކު ދުއްވި ޕިކަޕަކުން ޖެހި އެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅަން އިމްރާން މަސައްކަތް ކުރެއްވުމުން އެ މައްސަލަ އެކަން ހައްލު ކުރުމަށް އިންމު ވަނީ ޕިކަޕު ދުއްވި މީހާއަށް މާފުކޮށް ދެއްވުމަށް އެދި މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އޭނާ ޒިންމާ ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.