ރައީސް އިބްރާހީމްގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ކަމަށް ޢާއްމު ކޮށްފައިވާ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ލިސްޓްގައިވާ ފަރާތްތަކަށް ފްލެޓް ޙަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ނިމިދިޔަ ސަރުކާރުގެ ފަހު ދުވަސްތަކުގައި ޢާންމު ކުރި ލިސްޓްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެ، އެ ލިސްޓަށް ފްލެޓް ދޫކުރުން ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ މަޑުޖައްސާލާފައެވެ. އޭސީސީން ލިސްޓާ ގުޅޭ މައްސަލަތައް ބެލުމަށްފަހު އޭސީސީގެ ލަފާ ސަރުކާރަށް ވަނީ ދީފައެވެ.
ލިސްޓަށް ފްލެޓް ދޫކުރުމުގެ ބަދަލުގައި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް "ހައުސިން ކޮމިޓީ"ގެ ނަމުގައި ސަރުކާރުން މިހާރު ވަނީ ކޮމިޓީއެއް އުފައްދާ ފްލެޓް ލިސްޓުގެ ކަންކަން އެކޮމިޓީއާ ޙަވާލުކޮށްފައެވެ.
ރައްޔިތުންގެ މަޖްލީހުން މިގޮތަށް ނިންމާފައިވަނީ ފްލެޓްތައް ހަވާލުކުރުން ލަސްވާ ކަމަށް ބުނެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުންނެވެ.
އެކަމާ ގުޅިގެން މައްސަލަ ދިރާސާ ކުރުމަށްޓަކައި، ކުރީ ސަރުކާރުން އެ ޕްރޮޖެކްޓާ ޙަވާލުވެ ހުންނެވި އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރ މުޙައްމަދު ޢާރިފްގެ އިތުރުން މިހާރުގެ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ އިސް ބޭފުޅުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މަޢުލޫމާތު ހޯދާފައިވާކަމަށް މަޖިލީހުން ހާމަކުރެއެވެ.
މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން މަޖްލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ވަނީ، ލިސްޓަށް އުނި އިތުރެއް ނުގެނެސް ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަަކަށް ފްލެޓް ދޫކުރުމަށް ސަރުކާރަށް އަންގާފައެވެ.
ކޮމިޓީން ހުށަހެޅި ގޮތަށް މަޖްލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ.