އަމިއްލަ ޕާޓީގެ އިންތިޚާބީ މެމްބަރަކު ކުށެއް ކުރެއްވުމުން ވެސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ފެނިވަޑައިގަތީ ވަރަށް މަތިވެރި ނަމޫނާއެއްްކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ހޯމް މިނިސްޓަރުގެ ކާރުކޮޅުގައި މީހެއްގެ ޕިކަޕެއް ޖެހުމާ ގުޅިގެން އެކަން ވީޑިއޯކޮށް، ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު ޢިމްރާން ލަޠީފު (އިންމު) އެކަން އާންމު ކުރުމާއި ގުޅިގެން އާންމުންގެ މެދުގައި އެކަމާމެދު ޚިޔާލު ތަފާތުވެ ވާހަކަ ދައްކަން ފެށުމުން، އެކަން ކުށްވެރިކޮށް އެފަދަ ކަންކަން ނުކުރުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގަތުމާއި ގުޅިގެންނެވެ.
ޑރ. މުޢިއްޒު މިއަދު އެ ދެއްކެވީ ވަރަށް މަތިވެރި ނަމޫނާއެކެވެ. ހެޔޮލަފާ ވެރިއެއްގެ ފަރާތުން ފެންނާން ޖެހޭ ނަމޫނާއެކެވެ. އަމިއްލަފުޅު ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކަށް ހެއްދެވުނު ގޯސް ދިފާޢެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި މުޅި ޤައުމަށް ދެއްވީ ހެޔޮ ނަޞޭޙަތްފުޅެވެ.…
— Shafeeu Abdullah (@shafeeu26) May 6, 2024
ރައީސް މުޢިއްޒު އެ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ އަޚުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރުވެސް އެއްވެސް ގޮތަކަށް ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.
ޝައިޚް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި މައްސަލާގައި ރައީސް ޑރ. މުޢިއްޒުގެ ކިބައިން ފެނިގެން ދިޔައީ ހެޔޮލަފާ ވެރިއެއްގެ ފަރާތުން ފެންނަންޖެހޭ ނަމޫނާ ކަމަށެވެ.
އަމިއްލަފުޅު ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކަށް ހެއްދެވުނު ގޯސް ދިފާއު ނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި މުޅި ގައުމަށް ދެއްވީ ހެޔޮ ނަސޭހަތްޕުޅެއް ކަމަށެވެ.
"އިސްކުރެއްވީ މުޅި މުޖުތަމައުގެ މަސްލަހަތެވެ. ފެތުރުއްވީ އޯގާތެރިކަމާއި ކުލުނެވެ. އެވެސް އެމަނިކުފާނާމެދު ހެއްކެއް ގަރީނާއެއް ނެތި އެތަކެއް ތުހުމަތެއް ކުރައްވައި އެތަކެއް ވާހަކަތަކެއް ދެއްކެވި ސިޔާސީ ވާދަވެރިއެއްގެ ދިފާއުގައެވެ. ޙައްޤަށް ނަސްރު ދެއްވުމުގެ ގޮތުންނެވެ. މުހިންމީ އިސްލާމީ ރިވެތި އަޚުލާގު މުޖުތަމައުގައި ދެމެހެއްޓެވުން ކަމުގެ މެސެޖު ދެއްވަމުންނެވެ."
ޝައިޚް ޝަފީޢު ވަނީ ދިވެހި ގައުމާއި ރައްޔިތުންގެ ކަންކަން އިސްލާހުގެ މަގުން ކުރިޔަށް ގެންދެވުމުގެ ތައުފީގު މާތް ﷲ ޑރ. މުޢިއްޒަށް މިންވަރުކޮށްދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.