7 ވަޒީރަކު މެއި މަހުގެ ތެރޭގައި ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، މެއި މަހުގެ ތެރޭގައި ސަރުކާރުގެ ވަޒީރުން އެކި ގައުމުތަކަށް ދަތުރުފުޅުތައް ކުރައްވާނެ ކަމަށެވެ.
އޭގެ ތެރޭގައި ފައިނޭންޝިއަލް ސާވިސްގެ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގައި ބައިވެރިވަޑައިގަތުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މި މަހު ލަންޑަނަަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ހިމެނެއެވެ. ހީނާ ވިދާޅުވީ، މި ބައްދަލުވުންތަކުގެ ތެރޭގައި "ލަންޑަންގައި ޙަރަކާތްތެރިވާ މާލީ އިދާރާގެ އިސް ފަރާތްތަކާއި އެކީގައި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޤަޠަރަށް ފުރާވަޑައިގަންނަވާއިރު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އުޒްބެކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް އެގްޒިބިޝަންގައި ބައިވެރިވަޑައިގަތުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ތައިލެންޑްްގެ ބެންކޮކަށް ކުރައްްވާ ދަތުރުފުޅާއި ކޮމަންވެލްތް އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ތަޢުލީމީ ވަޒީރު ޑރ. އަބްދުﷲ ޝަފީޢު ލަންޑަނަށް ކުރައްވާ ދަތުރުފުޅުވެސް މި 7 ދަތުރުގެ ތެރޭގައި ހިމެނޭނެކަމަށް ހީނާ ވިދާޅުވިއެވެ.
ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓްގައި ބައިވެރިވަޑައިގަތުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުތައް ހިމެނެނީ މީގެ ތެރޭގައިކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.