ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަޙީމް އަބްދުއްލަތީފު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަޙީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.
ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.
އަބްދުއްރަޙީމަކީ ސިފައިންގެ ޚިދުމަތުގައި 39 އަހަރު ވަންދެން މަސައްކަތް ކުރައްވައި އަސްކަރީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ އެމްއެންޑީއެފަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އިސް އޮފިސަރަކެވެ. ރާއްޖޭގެ އަސްކަރީ ދާއިރާގެ ވަރަށް ގިނަ ކަންކަން ނިންމުމުގައި އެންމެ އިސްކޮށް މިދިޔަ ދުވަސްތަކުގައި އުޅުއްވި އެއްބޭފުޅަކީ ވެސް އެއީ އެވެ.
މި ސަރުކާރު އައި ފަހުން ރާއްޖެ އާއި ތުރުކީއާ ދެމެދު އަންނަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. އެ ގުޅުމުގެ ތެރެއިން ތުރުކީގައި ފުރަތަމަ ފަހަރަށް ވަނީ ރާއްޖޭގެ އެމްބަސީއެއް މި އަހަރުގެ ފެބްރުއަރީ 13 ވަަނަ ދުވަހު ގާއިމްކޮށްފަ އެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ވެސް ތުރުކީ އަށެވެ.
އެގޮތުން ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް އަދި ފުރަތަމަ ފަހަރަށް ރާއްޖެ އަށް އަސްކަރީ ޑްރޯން ވެސް ގެނައީ ތުރުކީ އިންނެވެ. މީގެ އިތުރުން ވެސް ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެކި އެއްބަސްވުންތައް ވަނީ ހަދައިފަ އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަޙީމް އަބްދުއްލަތީފު އެންމެ ބޮޑަށް މީޑިއާ ތަކުގައި ފާހަގަ ކުރެވިގެން ދިޔައީ ކުރީ ސަރުކާރުގައި އިންޑިއާ އެކު ރާއްޖެއިން ހެދި ސިއްރު އެއްބަސްވުން ތަކުގައި ސަރުކާރު ދިފާއުކޮށް ދޮގު މައުލޫމާތު ހިއްސާ ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް މިސަރުކާރުގައި ވެސް އަބްދުއްރަޙީމަކީ ނުފޫޒުގަދަ ބޭފުޅެކެވެ.