މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް 2ގެ އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މެއި 6 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލާ ފާސްކޮށްފައިވާ ކަމަށާއި އެ އެޕާޓްމަންޓު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕްލާސްޓިކް 17 ތަށި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ހައްޔަރު ކުރި މީހާއާ ބެހޭ އިތުރު މަޢުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުންދާ ކަމަށެވެ.