ނަފްސާނީ ސިއްހަތުގެ މައްސަލަތައް މިއަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ތަހައްމަލް ކުރަމުންދާ އެއް ކަމަކީ ޑިޕްރެޝަނެވެ. ދުނިޔޭގެ އެތައް ބަޔަކު މި ނަފްސާނީ އުނދަގޫތަކުގެ ތެރޭގައި ހަޔާތުގެ ދުވަސްތައް ވޭތުކުރަމުންދާއިރު، މިކަމަށް ފަރުވާ ދިނުމާއި ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ މީހުންގެ ހައްގުގައި ވަކާލާތުކުރުމަށް އާ ގޮތްތަކެއް ހޯދުމަކީ ނުހަނު މުހިއްމުކަމެކެވެ.
ޑިޕްރެޝަނަށް މަގުފަހިކުރުވާ އެތައް ސަބަބެއްވެއެވެ. އޭގެތެރޭގައި ހަޔާތުގައި ދިމާވާ ދަތިއުނދަގޫ ކަންކަން ތަހައްމަލް ކުރުމުގެ ތެރެއިން މީހާގެ މިސްރާބު އޮޅި ތިމާއަކީ މުޅިން އެކަނިވެރި މީހެއްކަމުގައި ހީވެ ޑިޕްރެޝަންގެ ތެރެއަށް މީހާ ގެނބިދިޔުމަކީ އެންމެ އާންމު ސަބަބެވެ.
ސަބަބުތައް ކިތަންމެ ގިނަވިޔަސް، ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ ބުނާފަދައިން ހަޔާތުގެ ކަޅުބޯ ވިލާތަކަށްފަހު އަރައިގެން އަންނަ އިރުގެ ރަންދޯދިތަކުން އާ އުއްމީދުތަކެއް ގެނެސްގަތުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ.
އެގޮތުން ޑިޕްރެޝަނާ ހަނގުރާމަ ކުރަމުންދާ މީހުން ޑިޕްރެޝަންގެ އަނދިރި ހަޔާތުން ނިކުމެ މުސްތަގުބަލު އުޖާލާކުުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަކީ:
ދީނީ ކަންކަމަށް ފަރުވާތެރިވުން
މާތް ﷲ އަންގަވާފައިވާ ގޮތަށް ތިމާގެ އުޅުމާއި ގުޅުންތައް ބެހެއްޓުމަށްވެސް ސަމާލުވާށެވެ. ނަމާދުތަކަށް ފަރުވާތެރިވެ ގަވާއިދުން ކުރެވޭތޯ މަސައްކަތްކުރާށެވެ. ގިނަގިނައިން ގުރުއާން ކިޔަވާށެވެ. މާތް ﷲ ހަނދުމަކޮށް ދިމާވެފައިވާ ދަތި ހާލުން ސަލާމަތްކުރައްވާތޯ ދުއާކުރާށެވެ.
ގުދުރަތުގެ ހިތްގައިމުކަމަށް ވަގުތުކޮޅެއް ހުސްކޮށްލުން
ކޮޓަރީގެ ހަތަރު ފާރުތެރޭ މުޅި ދުވަސް ވޭތުކޮށްލުމުގެ ބަދަލުގައި ހަވީރުގެ ފިނި ވައިރޯޅީގެ ތާޒާކަން އިހުސާސް ކޮށްލުމަށް ބޭރަށް ނިކުމެލާށެވެ. ރަށެއްގައި ނަމަ ކުދި ރާޅު ބީހެމުންދާ ހުދު ދޮންވެލިގަނޑު މަތީ ހިނގާލާށެވެ. އަދި ތިބާގެ ވަށައިގެންވާ ގުދުރަތުގެ ރީތިކަން އިޙްސާސް ކުރަމުން ހިތުގައިވާ އުދާސްތައް ފުހެލަން މަސައްކަތް ކުރާށެވެ.
އަމިއްލަ ނަފްސަށް އޯގާތެރިވުން
ދަނޑުވެރިޔާ އޭނާގެ ދަނޑަށް އަޅާލުމާއި ވަގުތު ދޭފަދައިން ތިމާގެ އަމިއްލަ ނަފްސަށް ވެސް އެ އަޅާލުމާއި ވަގުތުދޭށެވެ. އަމިއްލަ ނަފްސަށް ކުރާ ލޯބި ވަރުގަދަ ކުރާށެވެ. ތިމާގެ ޖަޒުބާތުތަކާއި ފިކުރުތައް ފަރުވާތެރިކަމާއި ސަމާލުކަމާއެކު ބަލަހައްޓާށެވެ. ނަފްސަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭ ކަންކަމުގައި ބައިވެރިވާށެވެ. ލޯބިވާ ރަހުމަތްތެރިއަކަށް ދޭފަދަ އޯގާތެރިކަމާއެކު އަމިއްލަ ނަފްސަށް ވެސް އޯގާތެރިވާށެވެ.
އިތުބާރުހިފޭ ފަރާތަކާއެކު ވާހަކަތައް ހިއްސާކުރުން
ދިމާވާ އަނދިރި ވަގުތުތަކުގައި ކޮންމެ މީހަކުވެސް އެންމެ ބޭނުންވާނީ ހިތުގެ އުދާސްތައް ހިއްސާކުރާނެ އިތުބާރުކުރެވޭ ފަރާތެކެވެ. ހުރިހާކަމެއް ހިތުގާ ބާއްވައިގެން ހުރުމުން ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ. އުނދަގޫ ހާލަތްތައް މެދުވެރިވާ ވަގުތުތަކުގައި އިތުބާރުކުރެވޭ ގާތް މީހަކާއެކު އެކަންކަމާ މަޝްވަރާކޮށް ރަނގަޅު ލަފާ ހޯދާށެވެ. ކަންކަމާ އެކަނި ކުރިމަތިލުމުގެ ބަދަލުގައި ތިމާ ދެކެ ލޯބިވާ އަދި އަޅާލާ މީހެއްގެ އެހީ ޤަބޫލުކުރާށެވެ. އަދި ހަމަ އެގޮތަށް އެ ލޯތްބާއި އަޅާލުން އެ މީހުންނަށްވެސް ރައްދުކުރާށެވެ.
"ޕްރޮފެޝަނަލް" އެހީ ހޯދުން
ޑިޕްރެޝަންގެ ބުރަ ބޮޑުވާހެން ހީވާ ހިނދު "ޕްރޮފެޝަނަލް" އެހީ ހޯދުން ވަރަށް މުހިއްމެވެ. ތިބާއަށް ދިމާވާ ދަތި އުނދަގޫތައް ހައްލުކުރަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވޭނެ ނަފްސާނީ ބައްޔަށް ޚާއްސަ ޑޮކްޓަރެއްގެ އެހީ ހޯދާށެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ތެރަޕީ ހޯދާށެވެ. ބޭސް ކާންޖެހޭ ހާލަތްތަކުގައި ފަރުވާތެރިކަމާއެކު ބޭހުގެ ބޭނުންކުރާށެވެ. ހަނދާންކުރަންވީ ކަމަކީ އެހީ ހޯދުމަކީ ތިމާ ބަލިކަށިވުން ނޫންކަމާއި ކޮންމެ މީހަކަށްވެސް ކުރީގެ އުފާވެރި ދިރިއުޅުމަށް ދިއުމުގެ ހައްގު އޮތްކަމެވެ. އަދި އެފުރުސަތުވެސް އިންތިހާއަށް ހުޅުވިފައި އޮތްކަމެވެ. ބޭނުންވާނީ ގަދަ ހިތްވަރާއެކު މަސައްކަތްކުރުމެވެ.
ޑިޕްރެޝަންގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާ މި ޒަމާނުގައި، ޑިޕްރެޝަންގެ ހިޔަނި އަޅުގަނޑުމެންގެ ހަޔާތަށް އެޅުމުގެ ބިރު އޮތެވެ. އެހެންނަމަވެސް، ތިމާއަކީ ކާކުކަން ބުނެދިނުމުގެ ބާރު އޮތީ ޑިޕްރެޝަންގެ ބާރުގެ ދަށަކު ނޫނެވެ. އެ ބާރު އޮތީ ތިމާގެ އަތުގައެވެ.
އެހެންކަމުން ޑިޕްރެޝަންގެ އަނދިރި ހަޔާތުން ނިކުމެ މުސްތަގުބަލް އުޖާލާކުުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. ދީނުގައި އަންގަވާފައިވާގޮތަށް ދިރިއުޅެވޭތޯ މަސައްކަތްކުރާށެވެ. ގުދުރަތުގެ ހިތްގައިމުކަމަށް ވަގުތުކޮޅެއް ހުސްކޮށްލާ ގުދުރަތުގެ ހިތްގައިމުކަމުގެ އެހީގައި ހިތުގައިވާ އުދާސްތައް ފުހެލަން މަސައްކަތް ކުރަމާ ހިނގާށެވެ. އަމިއްލަ ނަފްސަށް އޯގާތެރިވެ ނަފްސަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭ ކަންކަމުގައި ބައިވެރިވަމާ ހިނގާށެވެ. އުނދަގޫ ހާލަތްތައް މެދުވެރިވާ ވަގުތުތަކުގައި އިތުބާރުކުރެވޭ ގާތް މީހަކާ މަޝްވަރާކޮށް ލަފާ ހޯދަމާ ހިނގާށެވެ. އެހީތެރިކަން ބޭނުންވާހިނދު ޑޮކްޓަރެއްގެ އެހީތެރިކަމަށް އެދެމާ ހިނގާށެވެ.
އޭރުން ޑިޕްރެޝަންގެ ކަޅުވިލާތަކުން ސަލާމަތްވެ އަނދިކަމުން އިސާހިތަކުން އަރައިގަނެވޭނެވެ. އަދި އެވިލާތަކުގެ ފަހަތުގައި ފޮރުވިފައިވާ "އިރުގެ ރަންދޯދި" ތަކުން ގެނެސްދޭ އުފަލާ ހިތްހަމަޖެހުމާ ހަމައަށްވެސް ވާސިލުވެވޭނެއެވެ.