ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުޅަނދެއް ވަގަށް ނެގި މައްސަލާގައި މިއަދު ބަޔަކު ހައްޔަރުކޮށްފިއެވެ. ވަގަށް ނަގާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ އުޅަނދެކެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެމައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ކިތައް މީހުންކަން ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަމާއެކު މި އުޅަނދު މިހާރު ވަނީ ހޯދާފައެވެ. އެ ކާރު ފެނުންތަނުން އެއާޕޯޓުން މީގެ އެތައް ދުވަހެއް ކުރިން ގެއްލިފައިވާ އިމިގްރޭޝަންގެ ވެހިކަލެއްވެސް ވަނީ ފެނިފައެވެ.
ރާއްޖޭގެ އެހެން ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެމްއޭސީއެލްގެ އެމްޑީގެ އުޅަނދު ގެއްލުނީ ޚާއްސަ ހުއްދައާއެކު ވަދެވޭ ސަރަހައްދެއްގައި އޮއްވައެވެ.
އުޅަނދުތައް ވަގަށް ނެގުމަކީ ރާއްޖޭގައި މިހާރަކަށް އައިސް އާންމު ކަމަކެވެ. ނިމިދިޔަ އަހަރު ވެސް ވީއައިއޭގެ ވެހިކަލެއް ގެއްލިގެން ވަނީ ރިޕޯޓްކޮށްފައެވެ. އެވެހިކަލް ފެނިފައިވަނީ ހުޅުމާލޭގައި ޕާކްކޮށްފައި އޮއްވައެވެ.