ޏ. ފުވައްމުލަކަށް ނިސްބަތްވާ ދޯންޏަކުން 400 ކިލޯގެ ބޮޑު ހިބަރެއް ބާނައިފިއެވެ.
މި ހިބަރު ބޭނި ދޯނީގެ ކެޔޮޅު ޢަބްދުﷲ އިބްރާހީމް "ރިވާޔާ ނިއުސް" އަށް ބުނީ މި މަސް ބޭނުމަށް ހަތަރުވަރަކަށް ގަޑިއިރު ހޭދަކުރަން ޖެހުނު ކަމަށެވެ.
އެގޮތުން މިއަދު 11:30 މި ހިބަރު ގަނެގެން ދޯނީގެ ފަޅުވެރިން މި ހިބަރު ބޭނުމަށް ކުރި މަސައްކަތުން މި ހިބަރު ބޭނުނީ މިއަދު 15:15 ހާއިރު ކަމަށް ޢަބްދުﷲ ބުންޏެވެ.

މި ދޯންޏަކީ ބޮޑުކަންނެއްޔަށް ދާ ދޯންޏެކެވެ. އެގޮތުން ހަ މީހުން މި ދޯނިން މަހަށް ދާކަމަށް ޢަބްދުﷲ ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ތިން ބިދޭސީންނެވެ.
ޢަބްދުﷲ ބުނީ 400 ކިލޯގެ މި ހިބަރު ރަށަށް ގެނެސް ބައެއް މީހުންނަށް ބަހާ އަދި ވިއްކި ކަމަށާއި އެގޮތުން 3000 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިއީ ފަހުގެ ތާރީޚެއްގައި ފުވައްމުލަކު މީހަކު ބޭނި އެންމެ ބޮޑު މަހެވެ. އަދި ބެލެވޭ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި މުޅި ރާއްޖޭގައި ދޯންޏަކުން ބޭނި އެންމެ ބޮޑު ހިބަރެވެ.
އެންމެ ފަހުން ރާއްޖޭގައި ބާނާފައިވަނީ 340 ކިލޯގެ ހިބަރެކެވެ. އެއީ ނ. ކެނދިކުޅުދޫން ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު މީހަކު ބޭނި ހިބަރެކެވެ. އެ ވިއްކާލައިގެން ޖައުފަރު 6،940ރ. ހޯދިއެވެ.