ޝަފީޢު ޢަބްދުﷲ ލިޔުއްވާފައިވާ ފޮތެއް ކަމަށްވާ "ގުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުން" ނެރެފިއެވެ.
އިއްޔެ މި ފޮތް ނެރެދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަޠީފެވެ.
މި ފޮތުގައި ދަރީން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމާއި ދަރީން ތަރުބިއްޔަތުކުރުމުގެ ލަނޑުދަނޑިއާއި ތަރުބިއްޔަތުކުރުމުގައި ފަރުވާކުޑަކުރުމުގެ ޚުޠޫރަތްތެރިކަމާއި ޤުރުއާނުގެ އަލީގައި ދަރިން ތަރުބިއްޔަތުކުރަންޖެހޭ ގޮތާއި އިބްރާހީމްގެފާނު ދެއްކެވި ތަރުބިއްޔަތު ފަދަ މުހިންމު ބައިތައް ހިމެނެއެވެ.
ޝައިޚް ވިދާޅުވިގޮތުގައި މި ފޮތް ލިޔުމަށް ބޭނުންވީ އިސްލާމީ މުޖުތަމައުތަކުގައި ތަފާތު ވަބާތަކާއި އިޖުތިމާއީ ބަލިމަޑުކަން މިއިން ޒަމާނަކު ވެސް ފެތުރިފައިނެތް މިންވަރަށް ފެތުރިގެންގޮސްފައިވާއިރު އެއިން އެއް ވަބާއަކީ ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވި ފަރުވާ ކުޑަކުރެވުން ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
ޝައިޚް ވިދާޅުވިގޮތުގައި މި ފޮތުގައި ދަރީން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެންވީ އުޞޫލުތަކުގެ މައްޗަށް ބަލާލާފައިވާނެކަމަށެވެ. އެގޮތުން އިބްރާހީމްގެފާނު ގެންގުޅުއްވި ރިވެތި އުޞޫލަކީ އެ އުޞޫލަކަށް ކޮންމެހެން އަމަލުކުރަންޖެހޭ އެއް އުޞޫލުކަމަށާއި އެކަންކަމަށް މިފޮތުގައި އަލިއަޅުވާލެވިފައިވާނެއެވެ.
ދެކުނުގެ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝެއިހް ޝަފީއު އަކީ އިލްމީ އަދި ދީނީ މައުލޫތަކަށް ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. އިލްމީ ވަރަށް ގިނަ ދިރާސާތައް ވެސް ކުރައްވާ ޝާއިއު ކުރައްވަ އެވެ. ވަރަށް މުހިންމު ފޮތްތައް ވެސް ލިޔުއްވާފައިވެއެވެ.
ޝެއިހް ވިދާޅުވީ "ގުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުން" ފޮތް މި ހަފްތާގެ ތެރޭގައި ދެ ބުކްޝޮޕަކުން ލިބެން ހުންނާނެ ކަމަށެވެ. އެއީ ނާސަރީ ބުކްޝޮފާއި އިރާއީ ބުކްޝޮޕެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ރާދަ ބުކްޝޮޕާއި ނޮވެލްޓީއާއި އަސްރަފީއާއި ނޮލެޖް ބުކްޝޮޕާއި މެސެޖް އޮފް އިސްލާމުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.