ދިވެހި ޢުމްރާވެރިންތަކެއް އުހުދުގެ މައިދާނަށް ކުރި ޒިޔާރަތެއްގައި.. ފޮޓޯ: ރިވާޔާ ނިއުސް

ޢުމްރާއަށް ގެންދަން ބޭނުންވާ ގުރޫޕުތަކުން ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިޢްލާނެއްގައި  ގޮތުން، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 12 އިން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ ގޮތުން ފެބުރުވަރީ 9، 2022 ވީ ބުދަ ދުވަހު އެ މިނިސްޓްރީއިން ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ފަސްވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށްކަމަށް އިއުލާނުގައިވެއެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ މަގުސަދުގެތަކުގެ ތެރޭގައި ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދްމަތްދިނުން ހިމެނިފައިވާ ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏެއްކަމުގައި ވުމާއި،
  • ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ޙުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ނުވުމާއި، ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖިނާއީ ޙުކުމެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ޚިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި، އެ ފަދަ މައްސަލައެއް ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުމެވެ.

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައިކަމަށް ވެސް އެ އިއުލާނުގައިވަނީ ބުނެފައެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި މަހު 16 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.

advertisement
ހިޔާލު ދެއްވާ!