އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ޑޮކްޓަރުން ބަދުނާމުވާ ގޮތަށް އަދި އެ މީހުންގެ ޒިންމާތައް އަދާކުރަން ހުރަސްއެޅޭ ގޮތަށް ސޯޝަލް މީޑިއާގައި ފޮޓޯ ބޭނުންކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިހެން ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ވިހޭ ތުއްތު ކުއްޖަކަށް ފަރުވާދިނުމުގައި އެކަށީގެންނުވާ ގޮތަކަށް އެ ހޮސްޕިޓަލުގެ މުވައްޒަފުން އަމަލުކުރިކަމަށް ބުނެ އެ ކުއްޖާގެ އާއިލާގެ ބަޔަކާއި އާންމު ބައެއް މީޑިއާތަކުން ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
"ބަލިމީހުންނަށް ފަރުވާ ދިނުމުގައި މި ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް. އަދި ސޯޝަލް މީޑިއާގައި ބަލިމީހެއްގެ ހާލަތާއި ފަރުވާއާ ގުޅޭގޮތުން ވަކިގޮތަކަށް ވާހަކަދެކެވުނު ނަމަވެސް ބަލިމީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން އާންމުކުރާ މައުލޫމާތުތަކެއް ނޫން،" އައިޖީއެމްއެޗުގެ ބަޔާނުގައިވެއެވެ.
މި ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ހިލާފައް ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން މި ހޮސްޕިޓަލުން ނެރޭ ނޫސްބަޔާން. pic.twitter.com/XQf6LmAdOC
— IGMH (@igmhmv) May 7, 2024
އައިޖީއެމްއެޗް އިން ނެރުނު ބަޔާނުގައި ބުނީ، އެ ހޮސްޕިޓަލުން ބަލިމީހުންނަށް ފަރުވާދިނުމުގައި ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅުނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާކަން ފާހަގަކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް އޮޅުންފިލުވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުން ބުނީ، ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން އެއިން މަގެއް ޚިޔާރުކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް އެ ހާދިސާއަކާއި ގުޅުވާ ރައްޔިތުންނަށް ޚިދްމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭފަދަ އަމަލުތައް އެ ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.