ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުން: ޚަލީލް

ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހަމަހަމަކަމާއެކު، ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޚަލީލު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުންކަމަށެވެ.

އަދި ސަރުކާރުން ވަޢުދުވެފައިވާ ފަދައިން ތެލަސީމިއާ ބަލިން މުޖުތަމަޢު ރައްކާތެރިކޮށް، ބަލި ޖެހިފައިވާ ކޮންމެ މީހަކަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ތެލެސީމިއާ ބަލީގެ ކުދިންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން ފާހަގަކުރެވެ އެވެ.

އެގޮތުން ތެލެސީމިއާ ހޮސްޕިޓަލެް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ.

ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.

އެމަނިކުފާނުވަނީ ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޤައުމީ ކެންޕެއިނެއް މިދިޔަ ފެބްރުއަރީ މަހު ފަށާފައެވެ. މިއީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފެށި ހަރަކާތެކެވެ.

advertisement
ހިޔާލު ދެއްވާ!