އެއާޕޯޓްގެ ޓެކްސީ ކިއުއާ ބެހޭ ގޮތުން ހުށަހަޅާ މައްސަލަތައް ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެމް.އޭ.ސީ.އެލް އިން މަސައްކަތް ފަށައިފި އެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތައް ބޮޑުވެ، އާންމު ރައްޔިތުންގެ ފަރާތުން ޝަކުވާތައް އިތުރުވަމުންދާ ކަމަށެވެ.
އެގޮތުން ޓެކްސީތަކާއި ގުޅޭގޮތުން ލިބިފައިވާ ބައެއް ޝަކުވާތަކުގެ ތެރޭގައި ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރުކުރުން ހިމެނޭކަމަށް އެވުޒާރާ އިން ބުނެއެވެ.
އާއްމުން ހުށަހަޅަމުންދާ ޝަކުވާތައް ބަލައި، އެކަންކަމަށް ހައްލެއް ގެނައުމަށް ޓެކްސީ ޝަކުވާބެލުމާ ގުޅޭ ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި މިހާތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބިފައިވާ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާކަމަށްވެސް އެވުޒާރާއިން މަޢުލޫމާތު ދެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނީ ޓެކްސީތަކާއި ގުޅޭ އެކި މައްސަލަތައް ހައްލުކުރުމަށްޓަކާ ކަމާބެހޭ ވުޒާރާތަކާއި އެމްއޭސީއެލްއާދެމެދު މަޝްވަރާކުރެވި އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، އަންގާރަ ދުވަހުން ފެށިގެން ޕްލޭނަށް އަމަލުކުރަމުންދާ ކަމަށެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނޭ ކަމަށާއި ގަވާއިދާއި ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ފިޔަވަޅު އަޅާނޭކަމަށްވެސް އެވުޒާރާއިން ބުނެއެވެ.
ހަމައެހެންމެ ގަވާއިދާ ޚިލާފަށް ޓެކްސީކުރާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.