ޒަކާތު ހައުސްއިން ވައްކަމެއް ނުކުރެވޭނެ ކަމަށްޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ހައުސްގެ އުސޫލުތައް ހަމަޖެހިފައިވަނީ ވަރަށް ހަރުދަނާކޮށް ކަމަށާއި ބަޔަކު ބޭނުންވިޔަސް ޒަކާތު ހައުސްއިން ވައްކަމެއް ނުކުރެވޭނެ ކަމަށެވެ.
"މިނިސްޓަރަކަށް ހުންނަ މީހަކަށް، އޮފީހުގެ ވެރިއަކަށް ހުންނަ މީހަކަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ. އެއީ އެއްވެސް އިރެއްގަ ކުރެވޭ ކަމެއް ނޫން. އަދި އަމުދުން މިހާރު ނުކުރެވޭނެ. އެއީ ވައްކަން ކުރެވޭގޮތަށް ތަރުތީބު ކުރެވިފައި އޮންނަ ކަމެއް ނޫން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޒަކާތު ހައުސްއެއް އުފައްދައި އެތަނަށް ވަކިން ވެރިން ހަމަޖެއްސުމުގެ ބޭނުމަކީވެސް ތަން ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ހިނގާނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެތަނުގެ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް އިޚްލާޞްތެރިކަމާ އެކީގައިކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޒަކާތު ފަންޑުން ވައްކަން ކުރާކަމުގެ ތުހުމަތުތައް ސިޔާސީ ގޮތުން މިސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރަމުން ދާކަމުގެ ތުހުމަތުތަކަށް ރައްދު ދެއްވާ ވަޒީރު ވިދާޅުވީ އުސޫލުތައް ތަރުތީބުކޮށްފައިވާނީ މުވައްޒަފަކު ބޭނުންވިޔަސް ވައްކަން ނުކުރެވޭނެ ގޮތަށްކަމަށެވެ.
ޒަކާތު ހައުސްއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތު ސެކްޝަނުން ކުރިއަށްގެންދިޔަ ޒަކާތާ ގުޅޭ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް އުފައްދާ ޒަކާތަށް ޚާއްޞަ އިދާރާއެކެވެ. ޒަކާތު ހައުސް އުފެއްދެވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.