ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވިކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ހުސެއިން އަނބުރާ ގެންދަވައިފިއެވެ.
ނަޝީދު އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ސަލާމަތީ ގޮތުން އޭނާއަށް ނުރައްކާވާނެތީއާއި އެ ތުހުމަތުތަކުގެ ސަބަބުން އޭނާގެ ހައްގުތަކާއި އަބުރަށް އުނިކަން އަންނާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އަނދުން ހުސެއިންގެ ފަރާތުން ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ 2022 ވަނަ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހުއެވެ.
އިމްތިޔާޒު ކޮމިޓީން އެ މައްސަލައާ ގުޅޭ ގޮތުން އެންމެ ފަހުން މަޝްވަރާ ކޮށްފައިވަނީ މި ދިޔަ ފެބްރުއަރީ މަހުގެ 19 ގައެވެ. އެދުވަހުގެ ޖަލްސާގައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދަން ބޭނުންތޯ ބެލުމަށް ނިންމާފައެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވީ، އެ މައްސަލައާ ބެހޭ ގޮތުން ކޮމިޓީގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ހުށަހެޅުއްވި މެންބަރު ޝަހީމް ވަނީ އެ މައްސަލަ އަނބުރާ ގެންދެވުމަށް ނިންމަވާފައި ކަމަށާއި އެ ކަމާ ބެހޭ ސިޓީ ސެކްރެޓޭރިއެޓަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ފައިލް ކުރައްވަނީ ކަމަށެވެ.