ހދ. މަކުނުދޫ ކައުންސިލްގެ ރައީސް އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލު ކުރައްވައިފި

ހދ. މަކުނުދޫ ކައުންސިލްގެ ރައީސް، އަޢުޒަމް އާދަމް މިއަދު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) ޢަލީ ޒުހައިރާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ހދ. މަކުނުދޫގެ ބައެއް ކައުންސިލް މެންބަރުން ބައިވެރިވިއެވެ.

އާރް.ޑީ.ސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މަކުނުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމާއި މަސައްކަތް ކުރިއަށްދާނެގޮތާއި ދެފަރާތް ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މަކުނުދޫގެ މަގުތައް ހެދުމުގެ ތައްޔާރީތައް ކުރިޔަށްދާއިރު އުތުރުގެ ބައެއް ރަށްރަށުގައި އާރް.ޑީ.ސީން ދަނީ ބައެއް މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ހއ.އިހަވަންދޫއާއި، ހއ.ދިއްދޫގެ އިތުރުން ށ. މިލަންދޫގެ މަގުހެދުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ.

ހއ. އިހަވަންދޫގައި މިހާރު ކުރިޔަށްދަނީ ސައިޓު ސަރަހައްދު ސާފުކުރުމާއި، ކާސްޓިންގ ސަރަހައްދުގެ މަސައްކަތްތަކާއި ކާރބް ސްޓޯން އެޅުމުގެ މަސައްކަތެވެ. ހއ. ދިއްދޫގައި ކުރިޔަށްދަނީ ހުކުރުމަގުގައި ޕޭވިންގ ގެ މަސައްކަތާއި، ޕިޔާނާ ގޯޅީގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި ހިޔާވަހި ގޯޅީގައި ކީވޯލް ޖެހުމުގެ މަސައްކަތެވެ.

ށ. މިލަންދޫގައި ކުރެވެނީ ރޯޑް މާރކިންގ ގެ މަސައްކަތާއި ސައިޓުގައި ސްޓޯރމް ވޯޓަރ ޓޭންކް ކާސްޓް ކުރުމުގެ މަސައްކަތާއި ޕަަންޕު ސްޓޭޝަން ވަޅު ބެހެއްޓުމުގެ މަސައްކަތެެވެ.

ރައީސް މުޢިއްޒުގެ ސަރުކާރު ހުވާކުރުމާއެކު މަޑުޖެހިފައި ހުރި ތަރައްޤީގެ މަޝްރޫޢުތަކާއި އަލަށް ފަށައިގެން ކުރިޔަށްދާ މަޝްރޫޢުތައް ވަރަށް ބާރަށް ކުރިޔަށްދާކަން ފާހަގަކޮށްލެވެއެވެ.

advertisement
ހިޔާލު ދެއްވާ!