މޯލްޑިވިއަން އިން ގެންނަން ނިންމާފައިވާ އާ އޭޓީއާރު ބޯޓުތަކުގެ ތެރެއިން އެއް ބޯޓު މިއަދު ރާއްޖެއަށް އަންނާނެކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފިއެވެ.
މިއީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބޭނުން ކުރާނެ 4 ވަނަ އޭޓީއާރު ބޯޓެވެ. ފްރާންސްގެ ޓޫލޫޒް އިން ފުރައިގެން މި ބޯޓު ރާއްޖެއަށް ދަތުރުކުރަމުން އަންނައިރު މިބޯޓަކީ 42 މީހުން އުފުލޭނެ ބޯޓެކެވެ.
އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭގޮތުގައި އަލަށް ގެންނަ ބޯޓަކީ މުޅިން އާ ބޯޓެކެވެ.
އޭޓީއާރު މަރުކާގެ ބޯޓެއް މޯލްޑިވިއަން އިން އެންމެ ފުރަތަމަ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެންމެ ފުރަތަމަ ގެނެސްފައިވަނީ 72 މީހުންގެ ޖާގައިގެ ދެ ބޯޓެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އޭޓީއާރްގެ 42 މީހުންގެ ޖާގައިގެ ބޯޓެއް ގެނެސް ބޭނުން ކުރަން ފަށާފައެވެ.
އޭޓީއާރު ބޯޓުތައް ބޭނުން ކުރަނީ އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތައް ކުރުމަށެވެ. މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 15 ވަރަކަށް ޑޮމެސްޓިކް އެއާޕޯޓަށް ދަތުރުތައް ކުރަމުންނެވެ.
އަލަށް ގެންނަ އެއާކްރާފްޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 15 އަށް އިތުރުވާނެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ ބޯޓުތައް ވެސް ހިމެނެއެވެ.
އެ އެއާލައިނުން ވަނީ ބޮއިން 787-8 މަރުކާގެ އެއާކްރާފްޓެއް ހަ އަހަރަށް ކުއްޔަށްހިފުމަށް ބޭނުންވާކަމަށް ދާދިފަހުން އިއުލާނުކޮށްފަ އެވެ. އެއީ 250 ސީޓުގެ މަތިންދާބޯޓެކެވެ.