ސައޫދީ ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ސަލްމާން މިސްކިތް

ޙައްޖުމަހުގެ ފަހުން ސަލްމާން ރަސްގެފާނު މިސްކިތް ރަސްމީކޮށް ހުޅުވަނީ

މިއަހަރުގެ ޙައްޖު މަހަށްފަހު ސަލްމާން ރަސްގެފާނު މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އެމިނިސްޓްރީގެ މަސައްކަތްތައް މީޑިއާތަކާ ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ  ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް ބޭނުންކުރާތާ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ބަލަހައްޓަން ޖެހޭ ވަރަށް ފަރުވާތެރިކަމާއެކު މިސްކިތުގެ ފިނިކުރާ ނިޒާމް  ބަލަހައްޓާފައި ނެތުމުގެ ސަބަބުން މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ.

މިހާރު މިސްކިތުގެ ފިނިކުރާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށާއި ބަޖެޓު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްފަހު ސަލްމާން މިސްކިތުގެ ފިނިކުރާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި ބަޔަކާ ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަރާމާތުގެ މަސައްކަތްތަކަށްފަހު ޙައްޖު މަހުގެ ފަހުން ސަލްމާން ރަސްގެފާނު މިސްކިތް ހުޅުވޭނެ ކަމަށާއި އެ ރަސްމިއްޔާތަށް ސައޫދީ އަރަބިއްޔާގެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަލްމާން މިސްކިތް ވަގުތީ ގޮތުން ހުޅުވާލާފައިވަނީ 01 އޭޕްރީލް 2022 ގައެވެ.

advertisement
ހިޔާލު ދެއްވާ!