ހަބަރުތަކުގެ ސުރުހީގައި ވެރިކަން ކުރަނީ "ގްލިޓްޒް" އާއި "ގްލޭމަރ" އެވެ. މެޓް ގާލާއެވެ. ސޯޝަލް މީޑިއާގެ ސުރުޚީތަކާއި ފީޑްގައި ނަގާކިޔަނީ އެކި ކުލައިކުލައިގެ ފޮޓޯއާއި އުފާވެރިކަން ލިއްބައިދޭ ވީޑިއޯތަކެވެ. ސުވާލަކީ ޞަޙްޔޫނީ އިސްރާއީލުން ފަލަސްތީނަށް ބޮން އެޅުން ހުއްޓާލީ ހެއްޔެވެ؟ ކުށެއްނެތި މަރަމުންދާ މުސްލިމުން މެރުން ހުއްޓާލީ ހެއްޔެވެ؟
ނޫނެކެވެ. މަޑުޖެހުމެއްނެތި، ހުއްޓުމެއްނެތި، ފަލަސްތީނުގެ ނަސްލު ނައްތާލުން ކުރިޔަށް އެބަދެއެވެ. މަޑުޖެހުނީ އިސްރާއީލާ ދެކޮޅަށް އުފުލަމުން ދިޔަ އަޑުތަކެވެ. ހުއްޓުނީ އިސްރާއީލަށް ވާގިވެރިވާ އުފެއްދުންތައް 'ބޮއިކޮޓް" ކުރުމުގެ ކެމްޕެއިންތަކެވެ. ކޭއެފްސީ ކައިގެން ނޫނީ ބަނޑު ފުރޭގޮތެއް ނުވިއެވެެ. ކޮކާކޯލާ ބޮއިގެން ނޫނީ ކަރުހިއްކުން ނުފިލިއެވެ. ޕިއްޒާ ހަޓުން އޯޑަރުކޮށްނުލާ ފަރެއްވެސް ނުޖެހުނެވެ. ފަލަސްތީނުގެ ރައްޔިތުން އަދިވެސް އެ ތިބީ ބަނޑުހައިހޫނުކަމުގައެވެ. ކަރުހިއްކައިގެންފައެވެ. އަޅަމުންދާ ބޮންތަކުން ރައްކާތެރިވެވޭނޭ އެއްވެސް ގޮތެއް ނެތިފައެވެ.
"މެޓް ގާލާ" ގެ އަޑުފައްގަނޑު ވެސް މާގަދަވީއެވެ. ފަލަޞްޠީނުގެ ރަފަޙަށް އަޅަމުންދާ ބޮންތައް ގޮވާ އަޑު ދުނިޔެއަށް ނީވޭ މިންވަރަށެވެ. ރެޑް ކާޕެޓްގެ ރީތި ފޮޓޯތައް ފަތުއަޑުކިޔާފައި ސޯޝަލްމީޑިއާ ޕްލެޓް ފޯމްތައް ފުރާލީއެވެ. ރަފަޙަށް ދެވޭ ޙަމަލާތަކުގައި ޝަހީދުވާ ކުށެއްނެތް ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ފޮޓޯތަކަށް ޖާގަ ނުލިބޭ މިންވަރަށެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ ހަނގުރާމަ ދިގުލައިގެން ގޮސް އެވާހަކަ ދައްކާ ދައްކާ އަހަރެމެން ވަރުބަލިވީ ހެއްޔެވެ؟ ނުވަތަ މިކަންކަން ބަދަލުވެގެންދިޔައީ ހަނގުރާމަ ހުއްޓާލުމުގެ ކުލަވަރެއް ދައްކާލުމުން ހެއްޔެވެ؟ ހަނގުރާމަ ހުއްޓާލީއޭ ބުނެލާއިރަށް އެވާހަކަތައް ގަބޫލުކުރެވުނީ ހެއްޔެވެ؟ ފިކުރީ ހަނގުރާމައިގެ ދަލުގައި ޖެހި ވާނުވާ ބަލާލަންވެސް ހަނދާން ނެތުނީހެއްޔެވެ؟
އަހަރެމެން ވަރުބަލިވިޔަސް، ފަލަސްތީނުގެ ރައްޔިތުން އަދިވެސް ހިތްވަރު ކުރަނީއެވެ. ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތަކެއް ދައްކައިގެން ދުނިޔޭގެ ލޯތައް އެހެން ދިމާލަކަށް އަނބުރާލިޔަސް، ހަނގުރާމަ ދަނީ ކުރިއަށެވެ. މަދުވީ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ މިންވަރެވެ. އެކަމާ ކަންބޮޑުވެ ވާހަކަދައްކާ މީހުންގެ އަދަދެވެ.
ހަނގުރާމަ ހުއްޓާލީއޭ ބުނެލުމުން ހަނގުރާމައިގެ މައިދާނުގައި ދިރިއުޅެމުންދާ ފަލަޞްޠީނުގެ ރައްޔިތުންނަށް ލިބުނު އިންސާފެއްނެތެވެ. ހިތްހަމަޖެހުމެއްނެތެވެ. ހަނގުރާމައިގެ ބިރުވެރިކަން ކެނޑުނީ ހިނދުކޮޅަކަށެވެ. ހަނގުރާމައިން ލިބޭ ގެއްލުމާއި ޒަޚަމްތައް ވަނީ އިތުރުވަމުންނެވެ. ފަލަސްތީނު އަންދާ އަޅިޔަށް ހަދަނީއެވެ. އެންމެ ފަހުން ރަފަޙު ވެސް ފުނޑުފުނޑުކޮށްލަނީއެވެ.
މިހުރިހާ އަނިޔާއެއް އެ ރައްޔިތުން ތަހައްމަލްކުރަމުންދާއިރު ދުނިޔެ އޮތީ މެޓް ގާލާގެ އަވާގައި ޖެހި ނިދާފައެވެ. މެޓް ގާލާގެ މަންޒަރުތަކުން އުފާވެރިކަން ހޯދުމުގައެވެ. ރަފަޙަށް އަޅާ ބޮމުގެ އަޑަށްވުރެ ގަދައަށް ކަންފަތުގައި ޖެހެނީ ރެޕް ޒުވާބުތަކެވެ. އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ އަމަލުތަކުގެ މަތިން ހަނދާންވެސް ނުވަނީއެވެ.
މުސްލިމުން ތިބެންވާނީ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވާ ހާލުގައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ކުށްވެރިކުރުމުގައެވެ. އެ ލާއިންސާނީ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމުގައި ހޭލައެވެ. 'ބޮއިކޮޓް" ކެމްޕެއިންތައް ވަރުގަދަކުރުމުގައެވެ. އެކަމަކު އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން އެކުރާ ވަރަށްވެސް އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވޭތާއެވެ!
ގިނަދުވަސް ވިޔަސް ފޫހިނުވާންވީއެވެ. އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލަންވީއެވެ. ފޫހިވެ، އަމިއްލަ ބާރެއް ނެތްކަމުގެ އިހްސާސް ކުރެވުނަސް ސުލްހަވެރި މާދަމާއަކަށް އުއްމީދުކުރުމުގައި ދެމިތިބެންވީއެވެ. އަނިޔާއަކީ އަނިޔާއޭ ބުނަން ކެރެންވީއެވެ. ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އުފުލަމުންދިޔަ އަޑު ކެނޑުނަދީ ދަމަހައްޓަންވީއެވެ.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މުސްލިމުންނަށް ނަސްރުދެއްވާ މުޝްރިކުން ބަލިކަށި ކުރައްވާންދޭވެ! އިބަރަސްކަލާނގެ ދީނަށް ޢަދާވާތްތެރިވާ ދީނުގެ ޢަދުއްވުން ނެތިކުރައްވާ، ފަލަސްތީނުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަސްރުދެއްވާދޭންވެ! އާމީން
1 Comment
މީ 1 ވަނައިގެ ލިޔުމެއް.