ކ.ގާފަރު ކައިރިން 16 ރަށް ހިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި 16 ރަށް ހިއްކާ ރިވެޓްމަންޓް ޖެހުމުގެ ކޮންޓްރެކްޓެއްގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ.
ޖުމްލަ 106.91 ހެކްޓަރު (1 ހެކްޓަރަކީ 107,639.1 އަކަފޫޓެވެ) ގެ ބިން ހިއްކިގެންދާ މި ބިޔަ މަޝްރޫޢުއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫއުކަންވެސް ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް ފަޅުން މިހާ ގިނަ އަދަދެއްގެ ރަށްތައް ހިއްކަން ހަވާލުކުރި ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި ހިއްކާ 16 ރަށުގެ ތެރެއިން 2 ރަށެއް ތަރައްޤީ ކުރާނީ ލަގްޒަރީ ރިސޯޓެވެ. އަނެއް 14 ރަށް ވެގެންދާނީ ޕްރައިވެޓް އައިލޭންޑްސްއަށެވެ.
މި އެއްބަސްވުމުގެ ދަށުން ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36،503،863.92 އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުންޏެވެ.
އަދި މީގެތެރެއިން، ހިއްކުމުގެ މަސައްކަތަށް 3،747،792 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޑޮލަރު ޚަރަދުވާނެކަމަށް ބެލެވެއެވެ.
މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫޢުތަކަށް ދާ ޚަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެއްކަންވެސް އެކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މި މަޝްރޫޢަކީ ކޮންޓްރެކްޓަރ އަމިއްލައަށް ޚަރަދުކުރާ މަޝްރޫޢަކަށްވާތީއާއި އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ކޮންޓްރެކްޓަރަށް ދައްކަން ނުޖެހޭތީ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެމްއެފްއެމްސީން ބުނެއެވެ.
ގާފަރު ފަޅަކީ ސަރުކާރުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީ ކުރުމަށް އެމްއެފްއެމްސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރާ ކޮންސެޕްޓުގެ މާސްޓަރ ޕްލޭން ނިމިފައިވާއިރު، މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކިގެންދާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފުރަތަމަ މަޝްރޫޢެވެ.