ވެރިންނަށް ހުޝާމަދުކުރާ މީހުންނަށް ޑރ. މަޢުރޫފުގެ މެސެޖެއް

އަދާލަތު ޕާޓީ އުފައްދާ ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑރ. މަޢުރޫފް ޙުސައިން ސިޔާސީ ދާއިރާއާ ދުރުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވަރަށް އިބުރަތްތެރި މެސެޖެއް ދިވެހިންނަށް ދެއްވައިފިއެވެ.

ޑރ. މަޢުރޫފް ޙުސައިން އެބޭފުޅާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވެރިންނަށް ހެޔޮއެދޭ މީހަކު އެމީހުންނަށް ޚުޝާމަދު ނުކުރާނެކަމަށެވެ.

ޑރ. މަޢުރޫފް މިހެން ވިދާޅުވެފައި މިވަނީ މީހުންނަށް ކުރެވޭ ކުށްތަކުގެ ނާޖާއިޒު ފައިދާ ނަގާ، ވީޑިޔޯކޮށް ފަޟީޙަތްކޮށް ހެދުމަކީ ކޮށްގެންވާނެ ނޫންކަމަށް ބުނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޓްވީޓުކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު އެމަނިކުފާނަށް ތައުރީފު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް މި ޓްވީޓް ކުރެއްވީ މީގެ ދެތިން ދުވަހެއް ކުރިން ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲގެ ކާރުކޮޅުގައި އާންމު މީހެއްގެ ޕިކަޕަކުން ޖެހުނު ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ މެދުގައި އެކަމާމެދު ޚިޔާލު ތަފާތުވެ ވާހަކަ ދައްކަން ފެށުމުންނެވެ.

ޑރ. މަޢުރޫފް ވިދާޅުވީ ގައުމެއްގެ ވެރިކަން އެއްވެސް ބޭފުޅަކާއި ހަަވާލު ކުރެވެނީ ޕާޓީގެ ކުލައަށް ބެލުމެއްނެތި ގައުމުގެ އެންމެހާ ރައްޔިތުންގެ މެދުގައި އަދުލުވެރި ކަމާއެކު ކަންކަން ހިންގެވުމަށް މަތިކޮށްފައިކަމަށާއި ސިޔާސީ ޕާޓީ ވާންޖެހޭނީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ބޭނުން ކުރެވޭ ފާލަމަކަށް އެކަނި ކަމަށެވެ.

"ވެރިކަމަށް ވަޑައިގަތުމަށްފަހު އެބޭފުޅަކީ ވަކި ޕާޓީއެއްގެ ރައީސެއް ނޫނެވެ. މުޅި ގައުމުގެ ރައީސެވެ. އެބޭފުޅެއްގެ ބަސްމަގާއި ޢަމަލުފުޅުތައްވެސް ހުންނާން ޖެހޭނީ މިގޮތަށެވެ. މިގޮތަށް ކަންތައް ބެހެއްޓެވުމަކީ އެބޭފުޅެއްގެ ދީނީ އަދި ގައުމީ ވާޖިބެކެވެ. މިފަދަ ވާޖިބެއް އަދާ ކުރެއްވީތީ އެންމެން އެއް އަޑަކުން އެބޭފުޅަކަށް ސަނާ ކިޔައި ޚުޝާމަދު ކުރުމަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ. އަދި ކުރުން ރަނގަޅު ކަމެއްވެސް ނޫނެވެ. ޢާންމުގޮތެއްގައި ވެރިންނަށް ޚުޝާމަދު ކުރާ ގިނަ މީހުން އެކަން ކުރަނީ ވެރިންނަށް "ވައި އަޅުވައިގެން" އެމީހުންގެ އަމިއްލަ އެދުން ތަކެއް ޙާސިލް ކުރުމަށެވެ. ވެރިންނަށް ތިމާމެން އޮޅި، މަގުގެއްލިގެން ދާ އެންމެ ބޮޑު އެއް ސަބަބަކީ މިފަދަ ދެފުއް ދެގޮތް މީހުންނެވެ." ޑރ. މަޢުރޫފް ވިދާޅުވެފައިވެއެވެ.

ޑރ. މަޢުރޫފް ވަނީ އޭނާއާއި ރައީސް ޑރ. މުއިއްޒާއި ޝައިޚް ޢިމްރާނާ އޮންނަ ގާތް ގުޅުންވެސް މި ޕޯސްޓްގައި ވިދާޅުވެ ދެއްވާފައެވެ.

އެގޮތުން ޑރ. މަޢުރޫފް ވިދާޅުވީ "މިޕޯސްޓް ކިޔާ ގިނަ ބޭފުޅުންނަށްވުރެ މާ ގާތުން އަޅުގަނޑު ވާނީ މިހާރުގެ ރައީސް ޑރ. މުޢިއްޒާއި ސޯޝަލް މީޑިއާ / މަގުމަތީގެ ވިޖިލާންޓިޒަމްގެ ޙާދިސާއެއް ކުރިމަތިވެވަޑައިގެންފައިވާ ޝައިޚު ޢިމްރާނާއެކު މަސައްކަތް ކޮށްފައެވެ. އެތައް އަހަރެއް ވަންދެން އެކުގައި މަސައްކަތްކޮށް، އެކުގައި ދަތުރުކޮށް، އެކުގައި ކައިބޮއެ، އެކުގައި ނަމާދުކޮށް އެކުގައި ދުޢާކޮށް ހަދާފައެވެ. އެކުގައި ބޮޑެތި ނުރައްކާތަކާވެސް ކުރިމަތިލާފައެވެ. ސިޔާސީ ތަފާތާއި ޒަމާނާއި ވަގުތުގެ އާފާތްތަކުގެ ސަބަބުން ދެބޭފުޅުން ދުރުވުމުގެ ކުރިން މި ދެބޭފުޅުންގެ ކިބާގައި ހުރި އިސްލާމީ އުޚުއްވަތްތެރިކަމާއި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އެހީތެރިވެދެއްވާފައިވާ މިންވަރާއި، ހުރި ގިނަ ރަނގަޅު ސިފަތަކާއި، އިންސާނުންނަށްވީތީ ނުހުރެ ނުދާނެ ބައެއް އުނި ކަންތައްވެސް ވަނީ އެތައް އަހަރަކު ދެކެ ތަޖުރިބާ ކޮށްފައި" ކަމަށެވެ.

ޑރ. މައުރޫފްގެ ނަޒަރުގައި ރައީސް ޑރ. މުއިއްޒާއި ޝައިޚް ޢިމްރާނަކީ ޢަދާލަތުގެ އިސް އެހެން ބޭފުޅުންނެކޭ އެއްގޮތަށް މި ދީނާއި ގައުމު ދެކެ ލޯބިވާ ދެ ބޭފުޅުންނެވެ. އެގޮތުން ޑރ. މަޢުރޫފް ރައީސް ޑރ. މުޢިއްޒު ސިފަކުރެއްވީ ހިންގުންތެރި، މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ޝައިޚް ޢިމްރާނަކީ ހިތްހެޔޮ، ހިތްމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ.

ޑރ. މަޢުރޫފް ވިދާޅުވީ ރާއްޖޭގެ މިފަހުގެ ތާރީޚުގެ ސިޔާސީ މިސްރާބު ކަނޑައެޅިގެންދިޔަ ގޮތުގެ ވަރަށް އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޝައިޚް ޢިމްރާން ކަމީ އޭނާ ވަރަށް ކައިރިން ދެކެފައިވާ ޙަގީގަތެއް ކަމަށާއި އެއްވެސް އިންސާނަކީ މުޅިން މަޢުޞޫމް މީހެއް ނޫން ކަމަށެވެ.

"ސިޔާސީގޮތުން ނަންގަވާފައިވާ ހުރިހާ މަޥްގިފްތައް ރަނގަޅޭ އަޅުގަނޑެއް ނުދަންނަވަމެވެ. ރާއްޖޭގެ މައި ސިޔާސީ ދެ ފިކުރުގެ ބައެއް މީހުން ޝައިޚް ޢިމްރާން ދެކެ ނަފްރަތު ކުރަނީ އެ ދެ ކުލައިގެ ބޭފުޅުން ތާއީދުކުރައްވާ ދެ ވެރިކަން ވެއްޓިގެން ދިއުމުގައި އެކްޓިވިސްޓް ސިޔާސީ ލީޑަރެއްގެ ޙައިސިއްޔަތުން ޝައިޚް ޢިމްރާން އަދާކުރައްވާފައިވާ ދައުރުގެ ސަބަބުންނެވެ. އަދި ފެށުނީއްސުރެ ބައެެއް ބޭފުޅުން ޝައިޚް ޢިމްރާން ދެކެ ނަފްރަތު ކުރަނީ މާބޮޑު ހައްގަކާ ނުލާ ސިޔާސީ ޢަޞަބިއްޔަތުގެ ސަބަބުން ކަމުގައި އަޅުގަނޑު ގަބޫލު ކުރަމެވެ." ޑރ. މަޢުރޫފް އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. މަޢުރޫފު ވަނީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސީ ހަޔާތްޕުޅުގެ ބިންގާ އެޅިގެން ދިޔަ ގޮތްވެސް ކުރުގޮތަކަށް ވިދާޅުވެދެއްވާފައެވެ.

ޑރ. މަޢުރޫފު ވިދާޅުވީ ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތް ޕުޅުގެ ބިންގާ އެޅިގެން ދިޔައީ ޢަދާލަތުގެ ދީނީ އަދި ވަޠަނީ މާހައުލުގެ ތެރޭގައި ކަމަށެވެ. އެއީ ޢަދާލަތުގެ ހިންގުންތެރި އަމީން ޢާންމުގެ ގޮތުގައި އުޅުއްވި ދުވަސްވަރު ކަމަށާއި ޢަދާލަތުގެ ފަރާތުން ހައުސިންގ މިނިސްޓަރު ކަމުގައި ސަރުކާރަށް ވެންނެވިކަމަށެވެ. އޭރު ޢަދާލަތު ހިނގަމުން ދިޔައީ ޝައިޚް ޢިމްރާންގެ ޤިޔާދަތުގެ ދަށުންކަމަށެވެ.

އެގޮތުން ޢަދާލަތުގެ ފަރާތުން ސިޔާސީ ވަޒީފާތަކަށް ތަޢާރަފް ކުރެވި މަގާމުތަކަށް ވަޑައިގެންނެވި އެހެން ބައެއް ބޭފުޅުންގެ ތެރޭގައި ޢަދާލަތުގެ އެއް މުއައްސިސް މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢާއި މިހާރުގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޢަބްދުﷲ މުއްޠަލިބު ފަަދަ އެތައް އެތައް އަޚުންނެއް ހިމެނޭ ކަމަށެވެ.

"އަޅުގަނޑު ވާނީ ޝައިޚް ޙުސައިން ރަޝީދު އަޙްމަދުގެ އަރިހުގައި އަދި ފަހުން ޝައިޚް ޢިމްރާންގެ ނާއިބުގެ ގޮތުގައި 10 ވަރަކަށް އަހަރު މަސައްކަތް ކޮށްފައެވެ. ވުމާއެކު ރާއްޖޭގެ ސިޔާސީ ކަންތައް ފުރޮޅިގެން ދިޔަގޮތް ވަނީ ވަރަށް ގާތުން ދެކެ ތަޖުރިބާ ކޮށްފައެވެ. ޢަދާލަތުގެ މަޝްވަރާ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ފެށެނީ ދީނީ ޢިލްމުވެރިއެއްގެ ނަސޭހަތުގެ ވާހަކަ ކޮޅަކުންނެވެ. އަޅުގަނޑުމެން އުޅެމުން ގޮސްފައިވަނީ ވަރަށް އުޚުއްވަތްތެރި މާހައުލެއްގައެވެ. އެ އަޚުވަންތަކަމަކީ ސިޔާސީ ތަފާތުތަކާއި ވާދަވެރިކަމަށްވުރެ ވަރުގަދަ ކަމެެއްކަމުގައި އަޅުގަނޑު ދެކެމެވެ." ޑރ. މަޢުރޫފް ވިދާޅުވިއެވެ.

ޑރ. މަޢުރޫފް ވިދާޅުވީ ސިޔާސީ ދާއިރާ ދޫކޮށްލި ފަހުން މިވީ އަހަރުތަކުގެ ތެރޭގައި އޭރު އެކުގައި އުޅުއްވި އެއްވެސް ބޭފުޅަކަށް ގުޅުއްވާ ވާހަކަދައްކަވާ ނޫޅުއްވާ ކަމަށެވެ.

"މިއިން އެއްވެސް ބޭފުޅަކަށް ޚުޝާމަދު ކޮށް ވައިއަޅުވަން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑުގެ ނޯންނާނެެެއެވެ. ނަމަވެސް، މި ބޭބޭފުޅުންގެ ހުރި އުނިކަންތަކާއިއެކުވެސް ނުޙައްގު މިންވަރަށް، އިހާނެތިކޮށް މިއިން އެއްވެސް ބޭފުޅަކާމެދު އަމަލު ކުރެވޭނަމަ އެކަން ތަހައްމަލު ކުރަން އުނދަގޫ ވެއެވެ." ޑރ. މަޢުރޫފް ވިދާޅުވިއެވެ.

ޑރ. މަޢުރޫފުގެ މި ވާހަކަކޮޅު މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ގިނަބަޔަކު ފާހަގަކުރާ ގޮތުގައި ގައުމެއް ކުރިއަރާދިޔުމުގައި މިފަދަ ޢިލްމީ ޙިކްމަތްތެރި ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް ގައުމު ބޭނުންވާނެއެވެ. ގައުމަށް ބޭނުންވަނީ ޑރ. މަޢުރޫފު ފަދައިން ހުރިހާކަމަކަށް ރިޢާޔަތްކޮށް ބިނާކުރަނިވި ފާޑުކިޔާނެ މުވާޠިނުންތަކެކެވެ.

advertisement
ހިޔާލު ދެއްވާ!