އިބްރާހީމްގެފާނު، އެކަލޭގެފާނަށް ޞާލިޙު ހެޔޮ ދަރިފަސްކޮޅެއް ދެއްވުން އެދި މާތް ﷲ އަށް ގިނަގިނައިން ދުއާކުރެއްވިއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އިބްރާހީމްގެފާނުގެ މި ދުއާފުޅު ޒިކުރު ކުރައްވައިފައި ވެއެވެ.
(رَبِّ هَبْ لِي مِنَ الصَّالِحِينَ) الصافات: 100 މާނައީ: [އަޅުގެ ވެރިރައްބެވެ! މި އަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!]
މާތް ﷲ سبحانه وتعالى އިބްރާހީމްގެފާނުގެ މި ދުއާ އިޖާބަކުރައްވާ، އެކަލޭގެފާނަށް އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ދެއްވިއެވެ. މާތް ﷲ ގެ މި ނިއުމަތަށް ޝުކުރުވެރިވެވަޑައިގަންނަވާ ހާލު އިބްރާހީމުގެފާނު އެ ދެ ދަރިކަލުން ފިސާރި ރިވެތި އަދި މަތިވެރި ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރެއްވިއެވެ. އަދި މާތް ﷲ ގެ ރަހުމަތުން އެ ދެ ދަރިކަލުންނަކީ ވެސް ނަބީބޭކަލުންކަމުގައި ލެއްވިއެވެ. އަދި ނޫޙުގެފާނަށް ފަހު، އިބްރާހީމުގެފާނުގެ ދަރިފަސްކޮޅަކީ، ނަބީބޭކަލުންގެ ދަރިފަސްކޮޅެއް ކަމުގައި މާތް ﷲ އިޚްތިޔާރު ކުރެއްވިއެވެ. އެހެންކަމުން، އެންމެ ގިނަ ނަބިއްޔުން ވަޑައިގަތީ އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުންނެވެ. އަދި އެންމެ މަތިވެރި އެންމެ މާތް ނަބިއްޔާ، މުޙައްމަދު ﷺ ވަޑައިގެންނެވީ އިސްމާޢީލް ޢަލަހިއްސަލާމުގެ ދަރިފަސްކޮޅުންނެވެ.
އިބްރާހީމް ޢަލަހިއްސަލާމަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ ވާހަކައަށް ނަޒަރު ހިންގާލާއިރު، އެކަލޭގެފާނު އިސްމާޢީލް ޢަލަހިއްސަލާމަށް ދެއްވި ތަރުބިއްޔަތުގެ މަތިވެރިކަން ހާމަވެއެވެ. އިސްމާޢީލް ޢަލަހިއްސަލާމަށް ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބަން ދަސްކޮށްދެއްވައިފައިވާ ވަރުގަދަކަން މި ހާދިސާއިން ހާމަވެއެވެ. މާތް ﷲ ގެ އަމުރުފުޅުތަކަށް އެންމެ މަތިވެރި ދަރަޖައިގައި ކިޔަމަންގަތުމުގެ ފިލާވަޅު، އެކަލޭގެފާނު ވަނީ އިސްމާޢީލް ޢަލަހިއްސަލާމަށް ފުރިހަމައަށް ނަންގަވައިދެއްވައިފައެވެ.
މާތް ﷲ ޤުރުއާނުގައި އިބްރާހީމް ޢަލަހިއްސަލާމުގެ ހުވަފެންފުޅުގެ ވާހަކަ ބަޔާން ކުރައްވައި ވަޙީ ކުރައްވައިފައިވެއެވެ. )فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ ( الصافات: 102
މާނައީ: [ފަހެ، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމްގެފާނު) އަރިހުގައި އެ ދަރިކަލުން (އެބަހީ: ޢިސްމާޢީލުގެފާނު) މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަ ކަށަވަރުން، އަހުރެން ތިބާ ގުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނިއްޖެއެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަ ގޮތެއް ވިސްނާ ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރެއްވިގެންވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ.]
ނަބީބޭކަލުންގެ ހުވަފެންފުޅަކީ ތެދު ހުވަފެންފުޅުތަކެކެވެ. މާތް ﷲ ގެ ޙަޟްރަތުން އަންނަ ވަޙީއެކެވެ. ވުމާއެކު، އިބްރާހީމްގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން (އިސްމާޢީލުގެފާނު) ގުރުބާން ކުރައްވާތީ ހުވަފެންފުޅުގައި ފެނިވަޑައިގަތް ހިނދު، އެއީ ﷲ ގެ ޙަޟްރަތުން އައި އަމުރުފުޅެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި އެއީ ﷲ އެކަލޭގެފާނަށް ކުރިމަތިކުރެއްވި އިމްތިޙާނެއްކަން ޔަގީންވެވަޑައިގަތެވެ. އެހެންކަމުން، އެ ހުވަފެންފުޅުގެ ވާހަކަ ދަރިކަލުންނަށް ވިދާޅުވެދެއްވިއެވެ. ދަރިކަލުން އެކަމާ ދެކެވަޑައިގަންނަވާގޮތެއް ބެއްލެވުމަށްޓަކައެވެ. ﷲ ގެ ރަޙްމަތުން، އެކަލޭގެފާނު އެ ދަރިކަލުން، ތަރުބިއްޔަތު ކުރައްވާފައިވަނީ އެންމެ މަތިވެރި އެންމެ ފުރިހަމަ ތަރުބިއްޔަތުންނެވެ. ވުމާއެކު، އެ ދަރިކަލުންގެ ބަސްފުޅަކަށްވީ "ބައްޕާފުޅަށް ﷲ އަމުރުކުރެއްވި ކަންތައް ކުރައްވާށޭ، އިރާދަކުރެއްވިއްޔާ އަޅުގަނޑަކީ، ﷲ އަށް ކިޔަމަންތެރި ދަރިއެއްކަމުގައި ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ، ﷲ ގެ އަމުރުފުޅުތަކަށް ކެތްތެރިކަމާއެކު ބޯލަނބާ މީހެއްކަމުގައި މި ދަރިފުޅުވާތީ، ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ" މިއެވެ. އިބްރާހީމް ޢަލަހިއްސަލާމުގެ ތަރުބިއްޔަތުގެ މަތިވެރިކަމާއެވެ! އިސްމާޢީލް ޢަލަހިއްސަލާމުގެ އަޚްލާޤުފުޅުގެ މަތިވެރިކަމާއެވެ!
އެހެންކަމުން، އިބްރާހީމް ޢަލަހިއްސަލާމްގެ ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ ތަރުބިއްޔަތުގެ ފިލާވަޅަކީ؛
ދަރީންނަކީ މާތް ﷲ އިރާދަކުރައްވާ ފަރާތަކަށް ދެއްވާ ނިޢުމަތެއްކަން ދަންނަންޖެހޭކަން.
އެހެނީ، އިބްރާހީމް ޢަލަހިއްސަލާމް، ދަރިކަލަކު ދެއްވުމަށް އެދި މާތް ﷲ އަށް ދުއާ ކުރައްވަމުން ގެންދެވިކަން އިސްވެދިޔަ އާޔަތްތަކުން ދޭހަވެއެވެ. އަދި، އެއީ އެކަލޭގެފާނުގެ އުމުރުފުޅުން ވެސް ވަރަށް މުސްކުޅިފުޅުވެފައި ވަނިކޮށެވެ. ނަމަވެސް، ދަރީންގެ ނިޢުމަތަކީ މާތް ﷲ އިރާދަކުރައްވާ ފަރާތަކަށް އެ އިލާހު ދެއްވާ ނިޢުމަތެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާތީ، އެއްވެސް މިންވަރަކަށް އެކަލޭގެފާނު މާޔޫސްވެވަޑައިގެންފައެއް ނުވެއެވެ. މާތް ﷲ ގެ ބެއްސެވުމާއި، އެ އިލާހުގެ ޙިކުމަތްފުޅާމެދު ފުރިހަމައަށް އީމާންވާ ހާލު، އެ އިލާހު މިންވަރުފުޅު ކުރައްވާނީ އެންމެ ހެޔޮގޮތްކަން ވެސް އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ.
ދަރިން ދެއްވުމަށް ދުއާ ކުރެއްވިއިރު، އެއީ ޞާލިޙު ދަރީންތަކެއް ކަމުގައި ލެއްވުމަށް ދުއާގައި ހިމެނުއްވިކަން.
މިއިން ލިބިގެންދާ ފިލާވަޅަކީ، ދަރީންނަކީ ބައެއް ފަހަރު ނިޢުމަތަކަށް ވިޔަސް، އަނެއްބައި ފަހަރު، ނިޤުމަތަކަށް ވެސް[1] ވެދާނެއެވެ. ހެޔޮ ޞާލިޙު ދަރިއެއް ނަމަ، ނިޢުމަތެކެވެ. ނުބައި ދަރިއެއް ނަމަ، ނިޤުމަތެކެވެ. އެހެންކަމުން، ދަރީން ދެއްވުމަށް އެދި މާތް ﷲ އަށް ދުއާ ކުރާއިރު، އެ ދަރީންނަކީ ޞާލިޙު ދަރީންކަމުގައި ލެއްވުމަށް އެދި ދުއާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި ދަރީން ލިބުމަށްފަހު ވެސް، އެ ދަރީންނަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ދުއާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މައިންބަފައިންގެ ދުއާއަކީ ދަރީންނަށްޓަކައި އިޖާބަވުން ވަރަށް ކައިރިވެގެންވާ ދުއާއެކެވެ. ހެޔޮ ދުއާއެއް ނޫނީ ދަރީންނަށް ނުކުރާށެވެ. އެހެނީ، މައިންބަފައިންގެ ބަދު ދުއާއަކީ ވެސް ދަރީންނަށް ޓަކައި މިޔަ ތޫނު ކަނޑިއެއްފަދަ އެއްޗެކެވެ.
ދަރީންނަށް މާތް ﷲ ގެ ޙުކުމްފުޅުތަކަކީ އެންމެ ފުރިހަމަ، އެންމެ ޙިކުމަތްވަންތަ ޙުކުމްފުޅުތަކެއްކަން ދަސްކޮށްދީ، އެ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމަށް ދަސްކޮށްދޭން ޖެހޭކަން.
އިބްރާހީމް ޢަލަހިއްސަލާމް، އިސްމާޢީލް ޢަލަހިއްސަލާމް ތަރުބިއްޔަތު ކުރައްވައިފައިވާ ގޮތުގެ ވާހަކަ، މަތީގައި އެވަނީއެވެ. މާތް ﷲ އަމުރުފުޅުކުރެއްވީ، އެކަލޭގެފާނު ޤުރުބާން ކުރައްވަންކަމަށް ވަނީވިއްޔާ، އެއީ އެންމެ ހެޔޮ ގޮތް ކަމުގައި އިސްމާޢީލް ޢަލަހިއްސަލާމް ދެނެވަޑައިގަތެވެ. އަދި، އެކަމުގައި އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމްގެފާނަށް ހިތްވަރުދެއްވީ ވެސް އެކަލޭގެފާނެވެ. މިއިން އެނގިގެން ދަނީ، އިބްރާހީމްގެފާނު ވަނީ އިސްމާޢީލް އަލަހިއްސަލާމުގެ ހިތްޕުޅުގައި މާތް ﷲ ގެ ޙުކުމްފުޅުތަކުގެ މަތިވެރިކަން ބިންވަޅު ނެގޭހާ މިންވަރަށް އަށަގަންނުވައިފައިކަމެވެ.
އެހެންކަމުން، ދަރީންނަށް އެންމެ ކުޑައިރުން ފެށިގެން، މާތް ﷲ ގެ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމާއި، އެ ޙުކުމްފުޅުތަކަށް އިޙްތިރާމާއި، ޤަދަރުކޮށް ލޯބިކުރުމަށް ދަސްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ދުނިޔެ މަތީގައި އެ ކުދީންނަށް ކުރިމަތިވާ އެކިއެކި އިމްތިޙާނުތަކުން އެ ކުދީންނަށް ހިނިތުންވުމާއި ރުހިގެންވާ ހިތަކާގެން މާތް ﷲ ގެ ޤަޟާޤަދަރަށް ކިޔަމަންގަތުމަށް ދަސްވާނީ އޭރުންނެވެ. އެފަދަ ކުއްޖަކަށް ދުނިޔެއަކީ ދަތި އުނދަގޫ ތަނަކަށް ނުވާނެއެވެ. އަދި ދުނިޔޭގެ މަގުސަދުވެސް އެފަދަ ދަރިއަކަށް އޮޅިފައެއް ނުވާނެއެވެ. ހުރިހާ ބާރެއް ވަނީ މާތް ﷲއަށް ކަމާއި، މި ދުނިޔެއަކީ ވަގުތީ ތަނެއް ކަމާއި، މި ތަނުގައި ކުރިމަތިވާ ކޮންމެ ކަމަކީ ވެސް ކޮންމެވެސް ގޮތަކުން އޭނާގެ އީމާންތެރިކަން އިމްތިޙާނު ކުރެވޭ ކުރެވުމެއްކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ.
އިބްރާހީމް ޢަލަހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލަހިއްސަލާމަށް ޢަމަލީގޮތުން މާތް ﷲ ގެ ޙުކުމްފުޅުތަކަކީ އެންމެ މާތް މަތިވެރި ޙުކުމްފުޅުތަކެއްކަން ދެއްކެވިކަން.
އަޅުގަނޑުމެން ބުނާ ބަހަށްވުރެ، ދަރީންގެ ހިތުގައި ބިންވަޅު ނެގިގެންދާނީ އަޅުގަނޑުމެންގެ ފަރާތުން ފެނިގެންދާ ޢަމަލުތަކުންނެވެ. އަޅުގަނޑުމެންގެ ބަހާއި ޢަމަލު ދިމާނުވަންޏާ، އެ ކުދީންނަށް ވެސް ދަސްވާނީ އެ ގޮތެވެ. ބަހާއި އަމަލު ދިމާނުވާ މުނާފިގުންތަކެއް ފަދައިން އެ ކުދީން ތަރުބިއްޔަތު ވުމުގެ ނުރައްކާ އޮންނާނެއެވެ.
ނަމާދަށް ފަރުވާތެރިވާން ދަރިފުޅަށް އަމުރުކުރާ ބައްޕަ، ނަމާދަށް ފަރުވާ ކުޑަކުރާތަން އެ ދަރިފުޅަށް ފެންނަންޏާ، އެ ދަރިފުޅަށް ނަމާދުގެ އަހައްމިއްޔަތުކަމެއް ނުވިސްނޭނެއެވެ. އެ ދަރިފުޅަށް ވިސްނޭނީ، އެއީ މަކަރު ހަދައިލެވޭނޭ ކަމެއްގެ ގޮތުގައެވެ. ބައްޕަ ފަދައިންނެވެ.
އިބްރާހީމް ޢަލަހިއްސަލާމަކީ އެންމެ މަތިވެރި ނަބީބޭކަލުންގެ ތެރެއިން ބޭކަލަކަށް ވުމުން، އެކަލޭގެފާނުގެ ފަރާތްޕުޅުން އިސްމާޢީލުގެފާނަށް ފެނިވަޑައިގަތީ އެންމެ ފުރިހަމަ ނަމޫނާއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހިތަށް އަރާފާނެއެވެ. އެއީ ނަބީބޭކަލެކެވެ. އަޅުގަނޑުމެންނީ ނިކަމެތި އަޅުންނެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ. އަޅުގަނޑުމެންނީ ނިކަމެތި އަޅުންނެވެ. ނަމަވެސް، ނަބިއްޔުންނާއި ރަސޫލުންނަކީ ވެސް ހަމަ އިންސާނުންނެވެ. އަދި އެބޭކަލުން މާތް ﷲ ފޮނުއްވީ އިންސާނިއްޔަތަށް ވާ ނަމޫނާއެއްގެ ގޮތުންނެވެ. އަދި އެބޭކަލުންނަށް ތަބާވުމަށެވެ. އަދި ކީރިތި ޤުރުއާނުގައި އެބޭކަލުންގެ މިފަދަ އިބްރަތްތެރި ވާހަކަ މާތް ﷲ ގެނެސްދެއްވައިފައިވަނީ، ބޭކާރު ގޮތެއްގައެއް ނޫނެވެ. އެއީ، އެއިންް އިބްރަތް ލިބިގަނެ، އެގޮތަށް އަމަލުކުރުމަށެވެ. އެ ނަމޫނާއިން ނަމޫނާ ލިބިގަތުމަށެވެ. އެބޭކަލުން އެކަން ކުރެއްވިހައި ފުރިހަމަކޮށެއް އެ ކަމެއް އަޅުގަނޑުމެންނަށް ނުކުރެވިދާނެއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އެބޭކަލުން ކޮޕީ ކުރުމަށް މަސައްކަތް ކުރެވޭނެއެވެ. ކީރިތި ޤުރުއާނުގައި އެފަދައިން އެބޭކަލުންގެ ވާހަކަ ވާރިދުވެފައި ވަނީ ވެސް އެހެންވެއެވެ.
ދުއާ އަކީ، އަޅަމެންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގެ އާޔަތްތަކުގައިވާ އިރުޝާދުތަކާމެދު ތަދައްބުރުކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަދި އެ އާޔަތްތަކުގައިވާ އިރުޝާދުތައް ޢަމަލީ މައިދާނުގައި ތަންފީޒުކުރާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ. އާމީން ޔާ ރައްބަލް ޢާލަމީން!
————————————————
[1] – ނިޤުމަތަކީ ނިޢުމަތުގެ އިދިކޮޅެވެ.