މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމުގައި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ނުގުޅާނެ ކަމަށް އެއިދާރާއިން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަން އެފަރާތަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ވީޑިއޯ ކޯލު މެދުވެރިކޮށް ގުޅައި، ކޭޝްކާޑާއި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށާއި ވީޑިއޯ ކޯލް ކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމަށެވެ.
ފުލުހުންގެ ނަމުގައި ގުޅުމުގެ އިތުރުން، އިމިގްރޭޝަންގެ ނަމުގައި ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށާއި ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ވަނީ މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށާއި އޯޓީޕީ ކޯޑާއި ޒާތީ އެއްވެސް މައުލޫމާތެއްވެސް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.