ކުންފުނިތަކުގެ މިސްރާބު ހުރީ ބަނގުރޫޓުވުމާ ދިމާއަށް: މިނިސްޓަރ ޝަރީފް

ރައީސް މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސަރުކާރުގެ ކުންފުނިތައް އޮތީ ބަނގުރޫޓުވުމާއި ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓު އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގެނަައުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އިގުތިސާދީ ހާލަތު ރަނގަޅުކޮށް ކުންފުނިތައް ކުރިއަރާދެވޭނެ މަގު ސަރުކާރުން ފަހިކޮށްދީފައިވާކަމަށެވެ.

މޯލްޑިވިއަންއަށް އާ އޭޓީއާރެއް ގެނައުން ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ޝަރީފު ވިދާޅުވީ ގައުމީ އެއަރލައިންގެ ފްލީޓު ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކާގެ އިތުރު މަތިންދާބޯޓެއް ރާއްޖެ ގެނައުމަކީ ކޮންމެ ދިވެއްސަކަށްވެސް އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ކުރިއެރުންތައް އަންނަމުންދަނީ ސިޔާސީ ހިކުމަތްތެރި ވެރިއެއްގެ ލީޑަރޝިޕްގެ ދަށުން މަސައްކަތްކުރަމުންދާތީ ކަމަށެވެ.

އަދި މިއަދު ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގައި އިންވެސްޓުކުރަން ތިބި ފަރާތްތަކަށްވެސް ފެންނަމުންދަނީ ހަގީގީ މާނައިގައި ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވެގެންދާ މަންޒަރުކަމަށް މިނިސްޓަރ ޝަރީފު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ބާރު ސްޕީޑުގައި ދަނީ ކުރިޔަށެވެ.

advertisement
ހިޔާލު ދެއްވާ!