ހުޅުމާލޭގައި ހުންނަ އެސްޓީއޯ ސްމާރޓް ޝޮޕަކީ ހަމަ ހަގީގަތުގައިވެސް ސްމާރޓް ޝޮޕެކެވެ. އެފިހާރާގައި ކަސްޓަމަރުންނަށް ޚިދްމަތްދިނުމަށް އެއްވެސް މުވައްޒަފެއް ބޭނުމެއް ނުވެއެވެ.
މިފިހާރައަށް ލިބެމުންދާ ތަރުހީބާއެކު، އެސްޓޯއިން މިހާރު ވަނީ މި ފިހާރާގެ ޚިދްމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހަމަޖައްސާފައެވެ.
މި ސްޓޯރ ކުރިން ހުޅުވާފައި ހުންނަނީ ރޭގަނޑު 10:00 އަށެވެ. ނަމަވެސް މިހާރު މި ފިހާރަ 24 ގަޑިއިރު ހުޅުވާފައި ހުންނަ ގޮތަށް ބަދަލުކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ މި ފިހާރައަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި އެސްޓީއޯ ސްމާރޓް ޝޮޕަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ފިހާރައެއްކަމަށެވެ.
އެސްޓީއޯއިން ބުނީ އާޓިފިޝަލް އިންޓަލިޖެންސްގެ ވިޝަންއާއި އައިއޯޓީ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ކަމަށާއި މިޓެކްނޮލޮޖީގެ ސަބަބުން، ފިހާރައަށްގޮސް ވިޔަފާރިކުރުމާއި ފައިސާދެއްކުމުގައި އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުންނުވާނެކަމަށެވެ.
މި ފިހާރައަށް ވަދެ ވިޔަފާރިކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް ބޭނުންވާއިރު މިއެޕްލިކޭޝަން، އެޕް ސްޓޯރ އާއި ޕްލޭ ސްޓޯރއިން ޑައުންލޯޑްކުރެވޭނެއެވެ.
މި ފިހާރައަށް ވަދެވޭނީ ފޯނުން ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނަމަވެސް ފޭޝަލް ރިކޮގްނިޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފޭޝަލް ރިކޮގްނިޝަން ހަދާފައިވާ ފަރާތްތަކަށް ފޯނު ނެތްނަމަވެސް ވިޔަފާރި ކުރެވޭނެއެވެ.
އަދި ވިޔަފާރި ކޮށް ނިމިގެން ފިހާރައިން ނިކުންނައިރު އެމީހަކު ނެގި މުދަލަކަށް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ކެނޑިގެން ދާނެއެވެ.