މެލޭޝިޔާގެ ކާރޫބާރު ބޮޑު މަގަކަށް ބޮޑު ގަހެއް ވެއްޓި މީހަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައި ވަނީ 47 އަހަރުގެ ފިރިހެނެކެވެ.
މީޑިއާތަކުން މައުލޫމާތު ލިބޭގޮތުގައި މިގަހަކީ މެލޭޝިޔާގެ ކުއަލަ ލުމްޕޫރުގެ ކާރޫބާރު ބޮޑު މަގެއްގެ އަރިމަތީގައިހުރި ބޮޑު ގަހެކެވެ.
މިހާދިސާގައި މީހަކު މަރުވެފައިވާއިރު އިތުރު ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި ބައެއް ވެހިކަލަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މެލޭޝިޔާގެ ފުލުހުން ބުނީ މި ހާދިސާގައި 17 ކާރަކަށް އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މީޑިއާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާއަށްފަހު އެ ސަރަހައްދުން ދަތުރު ކުރާ މޮނޮރޭލުގެ ހިދުމަތްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.
މެލޭޝިޔާގެ އޮފިޝަލުން ބުނީ ވެއްޓުނު ގަހުގެ ބައެއް ގޮފިތައް ވެއްޓިފައި ވަނީ އެ މަގުގެ މަތިން މޮނޮރޭލު ދަތުރު ކުރާ މަގަށް ކަމަށާއި މީގެ ސަބަބުން މަގު ސާފު ކުރެވެން ދެން މޮނޮރޭލުގެ ޚިދުމަތްތައް ވެސް މެދުކަނޑާލަން ޖެހުނު ކަމަށެވެ.
ގަސް ވެއްޓިފައިވަނީ ޖަލަން ސުލްޠާން އިސްމާޢީލް މަގަށް ކަމަށާއި މި ހާދިސާ ހިނގާފައިވަނީ މަޝްހޫރު ޕެޓްރޮނާސް ޓުވިން ޓަވަރުތަކާ ކިލޯމީޓަރެއްހާ ދުރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.