މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން.. ފޮޓޯ: މިނިސްޓްރީ

ތިން މެގަވޮޓްގެ ސޯލާ ނިޒާމު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފުހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީއާއި ޖޭވީ ވިޒްޑަމް ނެގޯއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރު ޠާރިޤް އިބްރާހީމް އެވެ. ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ވަންގް ޓާއޯއެވެ.

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން.. ފޮޓޯ: މިނިސްޓްރީ

ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓުކަމުގައި ހެދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ ވަޢުދުވެވަޑައިގެންފައެވެ.

މި ވަޢުދުގެ ދަށުން ކުރިއަށް ގެންދެވޭ މަގޭ ސޯލާ މަޝްރޫޢަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާއީ އަދި އިގުތިސާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދިނުމަށް ފެށިފައިވާ މަޝްރޫއެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ތަކެއް ރާއްޖޭގެ ރަށްރަށުގައި ޤާއިމުކުރުމެވެ.

މިއަދު ސޮއި ކުރެވުނު  އެއްބަސްވުމުގެ ދަށުން ގަނެވޭ މި 3 މެގަވޮޓްތެރޭގައި ހިމެނެނީ 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމެވެ. މިގޮތުން ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވިގެންދާނެއެވެ. މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވިފައިވެއެވެ. އެއީ ޤައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް %5 އެވެ.

advertisement
ހިޔާލު ދެއްވާ!