ދަރުމަވަންތަ ހޮސްޕިޓަލް.. ފޮޓޯ: ސޯޝަލް މީޑިއާ

މެޑިސިން ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދެވޭނެގޮތް ހަމަޖައްސައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދަން ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައި، ކަމާ ބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހަސްފަތާލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާ ގުޅިގެން، އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސްގެ އަރިހަށް މިދިޔަ މަހުގެ 23 ގައި ފޮނުއްވި ސިޓީއާއި ގުޅިގެން، ރައީސްގެ އެދިވަޑައިގަތުމުގެ މަތީން، މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު ވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވަަވާފައެވެ.

އެ އޮފީހުން ބުނީ ގައުމީ މެޑިސިން ދަރިވަރުން ތައުލީމު ހާސިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެ ކުދީންގެ އުނގެނުމުގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދެވޭ ގޮތަށް ހަމަޖައްސަވައިދެއްވާފައިވާކަން ހާމަކުރެއްވުމަށް، މިއަދު  ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސްގެ އެ ނިންމެވުމުގެ ސަބަބުން، ކިޔަވާކުދީންގެ ކަންކަމުގައި، ހާއްސަކޮށް މަތީ ތައުލީމު އުނގެނޭ ކުދީންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައި ރައީސްގެ ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ގައުމީ ޔުނިވާސިޓީން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން މި ބައްދަލުކުރެއްވުމުގައި މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް މުއިއްޒު އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަގީންކަން އަބަދުވެސް އޮތްކަން ފާހަގަކުރިއެވެ.

ރައީސްގެ މި ނިމްމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެކަމަށް އެ ފަރާތްތަކުން ބުންޏެވެ.

advertisement
ހިޔާލު ދެއްވާ!