ޑީޑީއާއި ޖިހާދު މަގާމުން ވަކިކުރުމަށް ގޮވާލައިފި

ކުރީގެ ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީ މަގާމުން ވަކިކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެހެނިހެން ބައެއް މަދަނީ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.

ރިޝްވަތު ހިފި މައްސަލަތަކެއްގެ ތުހުމަތުކުރެވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމައްސަލަތައް ބެލުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވަނިކޮށް އަބްދުالله ޑީޑީއަށް ވަނީ ރައީސް އޮފީހުގެ ލީގަލް ކައުންސިލްގެ މަޤާމަށް ޢައްޔަންކޮށްފައެވެެ.

ޖިހާދު އައްޔަން ކޮށްފައިވަނީ މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެހެނިހެން ބައެއް މަދަނީ ޖަމިއްޔާތަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދެ މީހުންނަކީ ވެސް ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު މީގެ ކުރިން ކުރެވިފައިވާ ދެ މީހުން ކަމަށާއި، ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ދެ މީހަކު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކުރުމަކީ، ކޮރަޕްޝަނާއި ކުށްކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް ސަރުކާރުން ބޭނުންވާ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ބަޔާނުގައި ބުނީ މިފަދަ ނިންމުންތަކުގެ ސަބަބުން ކަންކަމަށް ނުފޫޒު ފޯރުވަން މަގުފަހިވެ، ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ އޮފިޝަލުންގެ ތަހުގީގުތަކަށް ހުރަސްއެޅި، ދައުލަތުގެ އިދާރާތަކާއި ޝަރުއީ ނިޒާމާއި ތަހުގީގުކުރާ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެގެން ދާނެ ކަމަށެވެ.

ބަޔާނުގައި ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މަގާމުން ވަކިކުރުމުގެ އިތުރުން، ގާބިލިއްޔަތު ވަޒަންކުރުމަށް ފަހު ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ގޮވާލައިފައެވެ. ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބެލޭނެ ގޮތް މަހުފަހިކޮށްދީ، އިދާރާތައް އިތުރަށް ބާރުވެރިކުރުވުމަށް ވެސް މިބަޔާނުގައި ވަނީ ގޮވާލާފައެވެ.

advertisement
ހިޔާލު ދެއްވާ!