ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގަ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ވެވުނު ވައުދުފުޅާ އެއްގޮތުގެ މަތިން، އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު ރާއްޖެއިން ފައިބައިފި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާޙިމް ޚަލީލް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ހަމަ މިއާއިއެކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވަނީ މިވާހަކަ ދައްކަވާފައެވެ. އެ މިނިސްޓްރީގެ ތަރުޖަމާނު، ރަންދީރު ޖައިސްވާލް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު އަނބުރާ އެގައުމަށް އަތުވެއްޖެއެވެ. އަދި އިންޑިއާގެ އުޅަނދުތައް އޮޕަރޭޓް ކުރުމަށް އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށެވެ.
މީގެކުރިންވެސް ވަނީ މިކަމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ބައްދަލުވުންތަކެއް ބާއްވައިފައެވެ. އަދި އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން އުޅަނދުތައް އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ވަކި ދުވަހެއް ވަންދެން ތިބޭގޮތަށް މަޝްވަރާކޮށްފައެވެ. އަދި ދެ ގައުމުންވެސް ވަނީ އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މިއީ އެ އެއްބަސްވުމާ އެއްގޮތުގެ މަތީން އަޅާފައިވާ ފިޔަވަޅެކެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭތީ ވަރަށް ގިނަ ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކަށްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އެގޮތުގެ މަތިން ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައިވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމަނާފައި ވިއެވެ. އެ މަނިކުފާނު ވަނީ މިމަހުގެ 10ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވިދާޅުވި ގޮތުގައި އެކި ގޮތް ގޮތުން ހޯދި މައުލޫމާތުގެ އަލީގައި ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ރާއްޖޭގައި ތިއްބެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާ ސިފައިންގެ ފަހު ބެޗް މިހާރު ރާއްޖެއިން ފުރާފައި ވާއިރު، ފުރަތަމަ ބެޗު ރާއްޖެއިން ފޭބީ މާޗު މަހުގެ ކުރީކޮޅެވެ. އަދި ދެވަނަ ބެޗް ފައިބައިފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.
ދިވެހި ސަރުކާރުގެ އެދުމަށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެގައުމުގެ ސަރުކާރުން ދެއްވި އެއްބާރުލުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު، މޫސާ ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޒަމީރު ވިދާޅުވާ ގޮތުގައި ދެ ގައުމުގެ ގުޅުން ވަރުގަދަކަން މިކަމުން ސާބިތުވެގެން ދިޔައެވެ.
އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަން ސަރުކާރުން ހާމަ ކޮށްފައިވީ ނަމަވެސް ގިނަ އާންމުން އެވާހަކަ ގަބޫލެއް ނުކުރެއެވެ.