ދިވެހިރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކުގެ ހިތްގައިމުކަންވަނީ ފޮތްތަކުގެ ބަނޑޭރިގަނޑުގައި ކުލަގަދަކޮށް ފަވާލެވިފައެވެ. ފުރަތަމަ ޞަފްހާތައް ފެވިފައިވަނީ ވިލު ނޫކުލައިގެ މޫދާއި ހުދު ދޮންވެލީގެ ރީތި ޅެންތަކުންނެވެ. މީހުންގެ ހީވާގިކަމާއި ހިތްހެޔޮ ކަމުގެ ވާހަކައިންނެވެ. އުފާވެރިކަމާ ހަމަޖެހުމުގެ މަންޒަރުތަކުންނެވެ.
އެހެންނަމަވެސް މި އުފާވެރިކަމާއި ރީތިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކަޅު ހަގީގަތެކެވެ. މި ހަގީގަތުގެ ހިތިރަހަ އަރުތެރޭގައި ހަރުލާފައިވަނީ ކިތައް މީހުންގެ ކަމެއްވެސް ނޭނގެއެވެ. ދިވެހި މުޖުތަމައުގެ ހުދު ފޮތިގަނޑުގައި ހޭކެންފަށާފައިވާ ކަޅުކުލައިގެ ނުރައްކާ އިންތިހާއަށް ބޮޑެވެ.
އެއް ޒަމާނެއްގައި އަމާންކަމާއި ބަހާރު މޫސުން ތާއަބަދު މި ފަސްގަނޑުގައި އޮތެއްކަމަކު، މިހާރު މި ވަނީ ނުބައި ބާރަކާ ކުރިމަތިލާންޖެހިފައެވެ. ކަޅު ބޯ ވިލާތަކުން މުޅި ފަޒާ ވަނީ ބައްދާލާފައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ގޯސް ވަބާއަކުން މުޖުތަމައު ހަލާކުވަނީއެވެ. އާއިލާތައް ރޫޅެނީއެވެ. ޒުވާން އުމުރުގެ އުއްމީދުތައް ވިއްސިވިހާލިވެގެންދަނީއެވެ.
ރާއްޖޭގެ "ޕޯސްޓް ކާރޑް ޕާފެކްޓް ފޭސް" ގެ ފަހަތުގައި ވަނީ ހިތްދަތި ހަގީގަތެކެވެ. އެއް ޒަމާނެއްގައި ލޯތްބާއި އެއްބައިވަންތަކަމުގެ ތެރޭގައި ބަނދެވިފައިވާ އާއިލާތައް މިހާރު ތިބީ މަސްތުވާތަކެތީގެ ވަބާގެ ފަނާކުރަނިވި އަސަރުތަކުގެ ސަބަބުން ފުނޑުފުނޑުވެފައެވެ. މައިން ތިބީ ހަދާނެގޮތް ހުސްވެފައެވެ. އެމައިންގެ މައުސޫމު ދަރިންނަށްޓަކައި ކުލުނުގެ ކަރުނަ އޮހޮރޭ ހާލު ރޯލަރޯލައެވެ. އެކުދިން މަސްތުވާތަކެތީގެ އަނދިރި ދުނިޔެއަށް ދަމާގެންދާތަން ފެންނާތީ ގޮތް ހުސްވެފައެވެ.
މިއީ އެއްވެސް މަޔަކަށް ބަލަން ކުޅަދާނަ ވާނެ މަންޒަރަކަށް ނުވާތީއެވެ. އެއް ޒަމާނެއްގައި ދިރުން ހުރި ގެތަކުގައި މިހާރު ވަނީ މާޔޫސްކަމެވެ. ކުޑަކުދިންގެ ހުނުމުގެ އަޑުތައް ފަނޑުކޮށްލަނީ "އެޑިކްޝަން" ގައި ތިބި ދަރިންގެ މޫނުން ފެންނަ މާޔޫސީ ހިނިތުންވުމެވެ.
ދިވެހި ބިމުގެ އެކި ހިސާބުތަކުގައި މި ކަޅުހިޔަނި ރަސްކަންކުރަމުން ދިޔަ ނަމަވެސް އުއްމީދުގެ ކުލަވަރު އެބަފެނެއެވެ. ގެއްލުނު އަމާން މުޖުތަމައު އަނބުރާ ހޯދުމަށް އަޒުމު ކަނޑައަޅާ މަސައްކަތް ކުރަންވީ އެހެންވެއެވެ. މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ސަރުކާރާއި މުޖުތަމައުގެ ލީޑަރުންނާއި ރައްޔިތުން މަސައްކަތް ކުރަންވީ އެހެންވެއެވެ. އެންމެން އެއްބައިވަންތަ ކަމާއެކީ އެކަތިގަނޑަކަށް ވާންވީއެވެ. "އެޑިކްޝަންގެ" ގެ ހައްޔަރުގައި ޖެހިފައިވާ މީހުންނަށް އެކަމުން ސަލާމަތްވާން އެހީތެރިކަން ފޯރުކޮށްދޭންވީއެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަށައި، މުޖުމައުގައި އެމީހުން ބާކީވިޔަ ނުދޭންވީއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މިކުރެވޭ ހަނގުރާމަ ނިމެން ގާތްވެސް ނުވެއެވެ. އެހެންނަމަވެސް ކާމިޔާބުގެ މަގަށް ދިޔުމަށްޓަކައި ކޮންމެހެންވެސް މި ދަތުރު ކުރަން އެބަޖެހެއެވެ. މަސްތުވާތަކެތީގެ ސަބަބުން މުސްތަގުބަލް ބަނަވެފައިވާ ކުދިންގެ ލޮލުގައި ފޮރުވިފައިވާ އުއްމީދުގެ އަލިކަން އެ ގެނެސްދޭ ކުޑަކުޑަ ސިއްރުގެ ހައްގުގައެވެ.