ސްޕޭސް ސްޓޭޝަނުން ނަގާފައިވާ ރާއްޖޭގެ ފޮޓޯއެއް... ފޮޓޯ: ނާސާ

އަހަރެމެންނާއި މި ޢާލަމު ވުޖޫދުގައިވުމަކީ ކަލަކު ވޮޑިގެންވާކަމުގެ އެންމެ އަލިގަދަ ހެކި: ހުކުރު ޚުޠުބާ

އަހަރެމެންނާއި މި ޢާލަމު ވުޖޫދުގައިވުމަކީ ކަލަކު ވޮޑިގެންވާކަމުގެ އެންމެ އަލިގަދަ ހެކިކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް" މިމައުޟޫއަށް މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ ޚަލްޤު ކުރެވިފައިވާހާ އެއްޗަކަށް "ޢާލަމޭ" ކިޔައި ނަންދެވިފައިވާއިރު މި ތަކެއްޗަކީ ﷲ تَعَالَى ވޮޑިގެންވާ ކަމުގެ ޢަލާމާތްތައް ކަމަށެވެ.

ބިނާއެއް ވާނަމަ އެ ބިނާއެއް ބިނާ ކުރި ފަރާތެއް ވާނެކަމަކަށް އަހަރެމެން ޤަބޫލުކުރާ ބީދައިން، ވުޖޫދުގައިވާ ކޮންމެ އެއްޗެއްމެ ވުޖޫދުކުރި ފަރާތެއް ވާނެކަމީ ސަލާމަތް ބުއްދިހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ ހަޤީޤަތެއްކަމަށްވެސް މިއަދުގެ ޚުޠުބާގައިވެއެވެ.

"އެހެންކަމަށް ވާނަމަ މިއޮތް ބޮޑު ކައުނާއި، މި ކައުނުގައިވާ، ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރޭތަކެއްޗާއި، މިނޫންވެސް ތަކެތި އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، ފުރިހަމަ ނިޒާމެއްގެ ތެރޭގައި ތަދުބީރު ކުރެއްވި ފަރާތެއް ނުވާކަމަށާއި، މިހުރިހާ ކަމަކީ އިއްތިފާޤަކުން ވާ ކަމެއް ކަމަށް، ޤަބޫލު ކުރުމަކީ ކިހާ ބޮޑު މޮޔަކަމެއްހެއްޔެވެ؟" ޚުޠުބާގައިވެއެވެ.

ޚުޠުބާގައި އިތުރަށްބުނީ ﷲ سُبْحَانَهُ وَتَعَالَى مَعْرِفَة ކޮށް ދެނެގަތުމަކީ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިން ވާ ކަމެެއްކަމަށާއި، އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ އެއް ނަތީޖާއަކީ އެކަލާނގެއަށް ފުރިހަމަގޮތުގައި އީމާންވުމުގެ ފޮނި މީރުކަން ލިބުން ކަމަށެވެ.

މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފައިވާ ކަމަށާއި އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

"އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތަކެވެ. ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލެއް ނުކުރެއެވެ."

 

ކީރިތި ޤުރުއާނުގައިވެސް ފެންނަންހުރި މިސާލުތަކާމެދު ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވާ ކަމަށާއި  ކައުނުގައި ހިނގަހިނގާ ހުންނަ ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިޒާމުތައް ވަނީ އެއް ނިޒާމު އަނެއް ނިޒާމާ ގުޅި ލާމެހިފައިކަން ބަޔާންކުރަމުން ޚުޠުބާގައި ބުނީ ޖައްވުގެ ތެރޭގައި ވާރޭ ވިލާތައް އުފެދި ވައިގެ ނިޒާމުގެ ތެރެއިން މި ވިލާތައް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާކަމަށާއި ހަނަފަސްވެ، މަރުވެފައިވާ ބިމަކާ ހަމައަށް މި ވާރޭ ވިލާތައް ދަތުރުކޮށް އެ ވިލާގަނޑުން ވާރޭ ވެހި އެ ބިމަށް ދިރުން ލިބި ގަސްފަޅާކަމަށެވެ. އެ  ގަސްތަކާއި ވިނަތަކުން އިންސާނުންނާއި ޖަނަވާރުން ކައިއުޅޭ ކަމަށާއި ހަށިގަނޑުގެ ތެރޭގައި އެ ކާތަކެތި ހަޖަމުވެ، އޭގައިވާ ފައިދާހުރި މާއްދާތައް ހަށިގަނޑަށް ނަގައި، ގެއްލުންހުރި ބައިތައް ހަށިގަނޑުން ބޭރުކުރާ ކަމަށެވެ.

މިފަދަ ހުރިހާ ނިޒާމެއް ފުރިހަމައަށް ގުޅި ލާމެހިފައިވުމަކީ، އެކަންކަން ރާވައި ހިންގައި ތަދުބީރުކުރާ ފަރާތެއްނެތި އިއްތިފާޤަކުން ހިނގާކަމެއް ކަމަށް ބުނުމަކީ ބުއްދި ޤަބޫލުކުރާކަމެއް ނޫންކަމަށްވެސް ޚުޠުބާގައިވެއެވެ.

ޚުޠުބާގައި ބުނީ ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުންކަމަށާއި ކަލާނގެ ނުފެންނަނީ ކީއްވެތޯ އެބައިމީހުން ސުވާލުކުރާ ކަމަށެވެ. އަދި ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރާކަމަށެވެ.

އެހެންނަމަވެސް، މިއީ ތާކުންތާކުޖެހޭ ވާހަކައެއް ނޫންކަމަށާއި މިސާލަކަށް ބަލާނަމަ، ބިމަށް ދަމާ ބާރުގެ ސަބަބުން މޭވާތައް ގަހުން ވަކިވެގެން ބިންމައްޗަށް ވެއްޓުނަސް އެ ދަމާ ބާރެއް އެއްވެސް މީހަކަށް ނުފެންނަކަމަށާއި އިޙްސާސްވެސް ނުވާކަމަށެވެ. އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫންކަމަށެވެ.

advertisement
ހިޔާލު ދެއްވާ!