ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްފިއެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރެވެ. އަދި ހަތިޔާރު ހަވާލުކުރާއިރު އަންގަވާ އެންގުން އިއްވައިދެއްވީ، ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް)ގެ ދަށުން ހިންގާ "ދަ ބޭސިކް ސްކޫލް" އިން ކުރިއަށް ގެންދިޔަ މި ކޯސް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ވަނަ ދުވަހު އެވެ. މި ކޯހުގައި 135 ދަރިވަރުން ބައިވެރިވެ 98 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ނުވަ އަންހެން ދަރިވަރުންނާއި 89 ފިރިހެން ދަރިވަރުންނެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، މުޢާޛު ޙަލީމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް، ފާތިމަތު މިޒްނާ ޢަލީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންންގެ އިތުރުން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަށްފަހު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ފޯސްގެ ފަރާތުން ވަނީ "ސްޕެޝަލް ފޯސް އޮޕަރޭޝަން ޑިސްޕްލޭ"އެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާދީފައެވެ.
ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުންވަނީ މިއަދު ވަނީ ފަޚުރުވެރި ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތަކާ ގުޅިފައެވެ.