ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތައް ހުއްޓާލަން އީޕީއޭ އިން އަންގައިފިއެވެ.
އެއިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބައެއް ކަންކަން ހުއްޓާލުމަށް އަންގާކަމަށެވެ.
އެގޮތުން އީޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ބިންހިއްކުމާއި ފަޅުކޮނުމާއި ގޮނޑުދޮށަށް ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުމާއި ބަންޑުވޯލް ޖެހުމާއި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި ހުރިހާ މަސައްކަތެއް ހުއްޓާލުމެވެ.
އެއިދާރާއިން ބުނީ މިހާރު ކުރިޔަށްދާ މިފަދަ ހުރިހާ މަޝްރޫއެއް ވަގުތުން ހުއްޓާލުމަށާއި އަލަށް ފެށުމަށް ގަސްދުކުރާ މިފަދަ މަސައްކަތްތައްވެސް 10 ޖޫން ގެ ފަހަށް ތާވަލުކުރުމަށެވެ.
އެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ފަރުތަކުން ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަ ކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުމާއި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެކެވެ
ބަޔާނުގައި އިތުރަށް ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަން ކަމަށެވެ.
އީޕީއޭއިން ބުނީ، ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން ހިންގާ "ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސާވިސް" ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1″ ގައި ކަމަވެ.
"ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއް" އީޕީއޭގެ ބަޔާނުގައިވެއެވެ.
އީޕީއޭ އިން މި މަޝްރޫޢުތައް ހުއްޓާލަން އަންގާާފައިވާއިރު ރައީސް ޑރ މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިފަދަ ބޮޑެތި އެތައް މަޝްރޫޢެއް ހިންގަމުންނެވެ.