އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކުމަށާއި، އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫހަށް ހިތްހަމަޖެހުން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ ވިދާޅުވި ފަދައިން، "ހައްތާވެސް ދަރީން" ކަމުގައި ދެކި، ކޮންމެ ކުއްޖަކާމެދުވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުޢާމަލާތު ކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށެވެ.
ކުޑަކުދީންގެ ދުވަހުގެ ހެޔޮ ދުއާތަކާއި ހެޔޮ އެދުންތައް، ދިވެހި އެންމެހައި ކުޑަކުދީންނަށާއި އެ ކުދީންގެ މައިންބަފައިންނަށާއި، ބެލެނިވެރީންނަށާއި، ޢާއިލާތަކަށް، އަދި ކުދީންނަށް އުނގަންނައިދީ ހޭހަންކޮށް އަޅައިލުމުގައި ހޭދަކުރައްވާ ޚިދުމަތްތެެރީންނަށް، އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ލޯތްބާއެކު ފޮނުއްވަމުން ފެއްޓެވި ޚިޠާބުގައި ރައީސް ވަނީ ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީންކަމުގައި ވިދާޅުވެ ފަލަސްތީނުގެ ހާލަތާމެދު ހިތާމަކުރައްވާފައެވެ.
"ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިޙްސާސްތަކާއެކު، މިއަދު އަޅުގަނޑަށް ހިތާމަވެރި އަސަރުކުރުވާކަމެއްވެސް އެބައޮތެވެ" ފަލަސްތީނަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަގުވާމީ މުހިންމު މުއާހަދާތަކުގައި ރާއްޖެެއިން ވަނީ ބައިވެރިވެފައި ކަމަށާއި އެކުދިންނަށް ހިމާޔަތާއި ދިރިއުޅުމުގެ ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ބޭނުންވާނެ ގާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ގާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ.
"މި ހުރިހާ ކަމެއް ފުރިހަމަކުރެވިފައި ހުރިނަމަވެސް، އަޅުގަނޑުމެން ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއް އެބައޮތް. އެއީ ކުޑަކުދީންނަށް ރައްކާތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމިހުރުން." ރައީސް ވިދާޅުވެފައިވެއެވެ.
"ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ." ރައީސްގެ ޚިޠާބުގައިވެއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށަށް އެމަނިކުފާނު ކުރާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދޭކަމަށާއި އިރާދަކުރެއްވިއްޔާ ކުޑަކުދީންނަށާއި ޢާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް އިލްމާއި މައުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނެ ކަމަށެވެ.
ރައީސް ޚިޠާބު ނިންމަވާލެއްވީ މި ޤައުމުގެ ކުރިމަގަށް ކުރާ ފާގަތި އުންމީދާއި، މާދަމާގެ ވިޔަވަތިކަމަށް އެދި ރެޔާދުވާލު މިކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދީންކަމަށާއި، ދެލޯނޭދި އެދޭ މި ލޮބުވެތި ދަރީންގެ ހައްގުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ގައުމަށް އުޖާލާ މުސްތަގުބަލެއް ހޯދައެއް ނުދެވޭނެކަމަށް ވިދާޅުވަމުންނެވެ.