އަޒަރްބައިޖާނުގެ މިނިސްޓަރ އޮފް ކަލްޗަރ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީގެ ދަޢުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ވަޑައިގަންނަވައިފިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ) ގެ "ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024″ ގައި ބައިވެރިވެވަޑައިގަތުމަށްޓަކއި ކުރައްވާ ދަތުރުފުޅެކެވެ.
އަޒަރްބައިޖާންގެ ޝޫޝާގައި އޮންނަ ސަގާފީ މި ހަރަކާތަކީ، 2024 ވަނަ އަހަރުގެ ސަގާފީ ކެޕިޓަލްގެ ގޮތުގައި އިސެސްކޯއިން އަޒަރްބައިޖާނުގެ ޝޫޝާ ކަނޑައެޅުމާ ގުޅިގެން، ގައުމީ ފެންވަރުގައި އެކަން ފާހަގަކުރުމުގެ ގޮތުން އެގައުމުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ބާއްވާ ރަސްމިއްޔާތާ އެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް ހަރަކާތަކީ އިސްލާމީ ގައުމުތަކުގެ ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނަށް ދައުވަތު އެރުވިގެން ކުރިއަށް ގެންދާ ސިސްސިލާ ހަރަކާތެކެވެ. މި ހަރަކާތް ރާވާ ހިންގަނީ އިސެސްކޯ އިންނެވެ. އިސެސްކޯ ގެ މެންބަރު ގައުމުތަކުގެ އަދަދަކީ 53އެވެ.
"ޝޫޝާ – ކަލްޗަރ ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024″ ފެށުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިސެސްކޯގައި ހިމެނޭ ގައުމުތަކުގެ އިސްލާމީ ސަގާފަތްތަކުގެ ގުޅުން ރަނގަޅުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވަނީ ރާވާފައެވެ.
އޭގެ ތެރޭގައި، ސަގާފީ ފޯރަމްތަކާއި ތަރިކައާ ބެހޭ މަޝްވަރާތައް ކުރެވޭ ވަށްމޭޒު ބައްދަލުވުންތައް ހިމެނެއެވެ. އަދި ޝޫޝާއާއި އަޒަރްބައިޖާނުގެ އެހެން ގިނަ ސަރަހައްދުތައް އިސްތިއުމާރީ ބާރުތަކުން ސަލާމަތް ކުރުވެނުގޮތާއި އެތަންތަނުގެ އެހާރާއި މިހާރު ދައްކުވައިދޭ މައުރަޒުތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.
މި ދަތުރުފުޅުގައި މި ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ހަފްލާގައި ވަޒީރު އާދަމް ނަޞީރު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން، އަޒަރްބައިޖާނުގެ މިނިސްޓަރ އޮފް ކަލްޗަރ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީ އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ވަކާލާތު ކުރައްވާނެއެވެ. އަދި ސަގާފަތާއި ތަރިކައިގެ ރޮނގުން ދިވެހީން ތަމްރީނު ކުރުމަށް އިސެސްކޯގެ ތެރެއިން ލިބެންހުރި ފުރުސަތުތައް ބައްލަވައި، އެ ދާއިރާތަކުން ދިވެހީންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ.
ތަމްރީނުގެ ފުރުސަތުތައް ހޯއްދެވުމަށް އިސްކަން ދެއްވާނެ ދާއިރާތަކުގެ ތެރޭގައި އާސާރުވެރީންގެ ދާއިރާ، އާސާރީ ތަކެތި ރައްކާތެރި ކުރުމުގެ ދާއިރާ، ދާރުލްއާސާރު އުފެއްދުމާއި ބެލެހެއްޓުމުގެ ފަންނުގެ ދާއިރާ އަދި އިންސާނީ ހަޟާރާތް ދިރާސާ ކުރުމުގެ ދާއިރާ ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.