ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލްގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންގ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުންވެސް އެ ޔުނިވަރސިޓީގެ އިއުލާނުގައިވެއެވެ.
އެގޮތުން މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީން ފޯރުކޮށްދޭ ކުރެހުމާ އެއްގޮތަށްކަމަށްވާއިރު ސްކޫލް އޮފް ނާސިންގ އާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވަނީ ޑިޒައިންނާއި ބިލްޑް އުސޫލުގެ ދަށުންނެވެ.
އެމްއެންޔޫގެ އިއުލާންގައިވާ ގޮތުން މި ދެ މަޝްރޫއުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ވަނީ 24 ޖޫންއާއި ހަމައަށް ހުޅުވާލާފައެވެ.
އެމްއެންޔޫއިން ބުނީ މެޑިކަލް ސްކޫލް ގާއިމުކުރާނީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައިދެވޭނެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށާއި ޓީޗިންގ ހޮސްޕިޓަލް ތަރައްގީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއްގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާއެކު ކަމަށެވެ.
މިދެ އިމާރާތްވެސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެމްއެންޔޫއިން ބުނީ މި ދެ އިމާރާތަށް 5700 އަކަ މީޓަރުގެ ސަރަހައްދެއް ހުޅުމާލެއިން ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، ބިން ލިބިފައިވަނީ ހުޅުމާލޭގެ ކޮން ހިސާބަކުންކަމެއް އެޔުނިވަރސިޓީން ނުބުނެއެވެ.