މިނިސްޓަރ ޠާރިޤު އިބްރާހީމް.. ފޮޓޯ: މިނިސްޓްރީ

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް، ތިމާވެށީގެ ދުވަހު ފެށުމަށް ހަމަޖައްސައިފި

5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް ތިމާވެށީގެ ދުވަހު ފެށުމަށް ހަމަޖައްސައިފައިވާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖު، އެންވައިރަމަންޓް އެންޑް އެނަރޖީ ޠާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ  ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޠާރިގު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އަންނަ މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހު ފެށުމަށް ނިންމާފައިވާކަމަށާއި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައިވެސް ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސްކަމަށް މިނިސްޓަރު  ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާއަޅާގަހާއި ހިޔާލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސްއިންދާނެ ކަމަށާއި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ރަށްތަކުގައި ނާސަރީތައް ހަދައި އާންމުނަށް ގަސް ލިބޭ އިންތިޒާމް ހަމަޖައްސަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިގު  ވިދާޅުވީ ގަސްއިންދުމުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވިފައިވަނީ އިންދާ ގަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައިނުވާތީ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!