ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު ޣައްޒާގެ އުތުރާއި މެދުތެރެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 47 މީހުން ޝަހީދުވެފައިވާކަމަށް އެ ސަރަހައްދުގެ ތިން ހޮސްޕިޓަލަކުން ބުނެފިއެވެ.
ޣައްޒާގެ އުތުރުގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕްގެ ކަސާސިބް ސަރަހައްދަށް ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ނޫސްވެރިޔާ ބަހާ އުކާޝާއާއި އޭނާގެ އަންހެނުންނާއި 12 އަހަރުގެ ދަރިފުޅު ހިމެނޭކަމަށް ކަމާލް އަދުވާން ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޙުސާމް އަބޫ ސައިފިޔާ ވިދާޅުވާގޮތުގައި ޖަބަލިއްޔާއަށް ވަކިން ދިން ވައިގެ ހަމަލާއެއްގައި އިތުރު ތިން މީހަކު މަރުވެފައިވާ ކަމަށްވެސް ބެލެވެއެވެ.
އަލްއަގްސާ ޝަހީދު ހޮސްޕިޓަލުން ވެސް ބުނެފައި ވަނީ ޣައްޒާގެ މެދުތެރެއަށް ދިން ހަމަލާއަށްފަހު ޒަހަމްވެގެންނާއި މަރުވެގެން ހޮސްޕިޓަލަށް ގެނެވޭ މީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ.
ވައިގެ ހަމާލަތަކުގައި އަނިޔާ ލިބި ފަރުވާ ހޯދަމުންދާ ބައެއްކުދިންގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އޭގެތެރޭގައި އަތްބުރިވެފައިވާ ކުޑަ ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ. އެއްވެސް ކުށެއްނެތް ކުޑަކުދިންނާއި އާންމުން އުފުލާ ތަކުލީފުގެ މަންޒަރުތައް ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.
ސުވާލަކީ މި އަނިޔާވެރިކަމަށް ނިމުމެއް އަންނާނީ ކިތައް ފުރާނަ ގެއްލިގެން ދާ ފަހުން ހެއްޔެވެ؟