ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް.. ފޮޓޯ: އެމްއެންޑީއެފް

ސެނެހިޔަގައި މަސައްކަތްކުރާ އިންޑިޔާ ސިފައިންގެ ފުށުން ރާއްޖެއަށް ނުރައްކަލެއް ނެތް: ސަރުކާރު

ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަކަމެއް އޮތިއްޔާ، ރާއްޖެއިން ފުރުވާލާނެކަމަށާއި އެހެންނަމަވެސް މިވަގުތަށް އެ ޑޮކްޓަރުންތައް ފޮނުވާލުމުގެ ބޭނުމެއް އޮތްކަމަށް ސަރުކާރަށް ނުފެންނަކަމަށްވެސް ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލުގައި ތިބި އިންޑިއާގެ މިލިޓަރީ ޑޮކްޓަރުން އަދިވެސް ސެނެހިޔަގައި މަސައްކަތް ކުރަމުންދާކަމަށާއި އެ ޑޮކްޓަރުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަކަމެއް އޮތްނަމަ، އަނބުރާ ގައުމަށް ފޮނުވާލާނެކަަމަށެވެ.

ޒަމީރު ވިދާޅުވީ ސެނެހިޔަގައި ތިބި ޑޮކްޓަރުންނަކީ 10 ސެޕްޓެމްބަރު 2012 އިން ފެށިގެން ދިވެހި ސިފައިންގެ އެދުމުގެ މަތިން، ސިފައިންނަށް ހިދުމަތް ދިނުމަށް ގެނެސްފައިތިބި ޑޮކްޓަރުން ކަމަށެވެ.

މި ބައްދަލުވުމުގައި ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވީ، އެ ޑޮކްޓަރުން ރާއްޖޭގައި މަސައްކަތްކުރަނީ ވަރަށްކުރު މުއްދަތަކަށް، ރޮޓޭޝަނަލް ބޭސިސްއެއްގައި ދައުލަތުން ދޫކުރާ ވިސާއެއްގައި ކަަމަށާއި އެ ޑޮކްޓަރުންގެ މަސައްކަތަކީ، ސިފައިންނަށާއި، ސެނެހިޔައިން ހިދުމަތްހޯދާ ފަރާތްތަކަށް ސިއްހީ ހިދުމަތްދިނުން ކަމަށެވެ.

"އެ މީހުންގެ މަސައްކަތް ހުންނާނީ ސެނެހިޔަގައި ސިއްހީ ގޮތުން އަޅުގަނޑުމެންގެ ސިފައިންނަށާއި ސެނެހިޔައިން ހިދުމަތް ހޯދާ މީހުންނަށް، ހަމަ ޑޮކްޓަރުން ދޭ ހިދުމަތް ދިނުން. އަދި ރޮޓޭޓްވާއިރު އަންނަ މީހުންނަކީ ރިކުއާމެންޓް އޮތްގޮތަކުން މިކޮޅުން އެދިގެން އަންނަ މީހުން، އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮންނަބައެއް ނޫން ސެނެހިޔަގައި ތިބޭ ޑޮކްޓަރުންނަކީ،". ޣައްސާން ވިދާޅުވިއެވެ.

ސެނެހިޔަގެ ފޭސްބުކް ޕޭޖްގައިވާ ޑޮކްޓަރުންގެ ޑިޔުޓީ ޝެޑިޔުލްގައިވާ ގޮތުން 4 ވަރަކަށް އިންޑިޔާ ސިފައިން ދަނީ އެ ހޮސްޕިޓަލުގައި ބަލިމީހުން ބަލަމުންނެވެ. މީގެ އިތުރުން، އިންޑިޔާ ސިފައިންގެ ނަރުހަކާއި ލެބޯޓްރީ ޓެކްނީޝަނަކާއި، އެކްސްރޭ ޓެކްނީޝަނެއްވެސް ސެނަހިޔަގައި މަސައްކަތްކުރާކަމަށް މައުލޫމާތު ލިބެއެވެ.

ޣައްސާން ވެސް ވިދާޅުވީ، އެ ޑޮކްޓަރުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފަދަ ހާލަތެއް ފެނިއްޖެނަަމަ، ދިވެހި ދައުލަތުން އިންޑިއާ ސަރުކާރުގައި ދަންނަވައިގެން، އެ މީހުން އަނބުރާ ގެންދެވޭނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!