ފަލަސްތީނަށް އދގެ މެމްބަރުކަން ދިނުމަށް ނިންމުމަކީ ލިބުނު ބޮޑު ކާމިޔާބެއް: ރައީސް

އދ.ގެ މެންބަރު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް އދ.ގެ އާންމު މަޖިލީހުން ނިންމުމަކީ އިންސާފު ހޯދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ލިބުނު ކާމިޔާބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގައި، ފަލަސްތީނުގެ ރައްޔިތުން އަދުލުއިންސާފު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ތާރީޚީ ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ފަލަސްތީނަށް އދ.ގެ މެމްބަރުކަން ދިނުމުގެ ގަރާރަށް އދ.ގެ އާންމު މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި 143 ގައުމަކުން ވޯޓުދީ އެގަރާރު ފާސްކުރުމުންނެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވީ އެ ސެޝަންގައި އދ.އަށް އަލަށް މެންބަރުން ވެއްދުމާ ބެހޭ ގަރާރު ފާސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެޅި މުހިންމު ފިޔަވަޅަށް ތައުރީފުކުރާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަކީ، ހައްގު ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ޒަމާނުއްސުރެ ކެތްތެރިކަން އިސްކުރަމުން އަންނަ ބައެއްކަމަށެވެ.

މިހާރު 193 ގައުމެއް އދ.ގެ މެމްބަރުންގެ ގޮތުގައި ތިބިއިރު، ފަލަސްތީނަށް މެމްބަރުކަން ލިބުމުން 194ވަނަ ގައުމަށް އެ ގައުމުވާނެއެވެ.

މިދިޔަ މަހު 18ގައި ވެސް ފަލަސްތީނަށް އދ.ގެ މެމްބަރުކަން ފުރިހަމައަށް ލިބުމުގެ މަގުފަހިވިއެވެ. އެހެންނަމަވެސް، އެ ދުވަހު ނެގި ވޯޓު އެމެރިކާއިން ވީޓޯކުރުމުގެ ސަބަބުން އެ ކަން ވާގޮތް ނުވީއެވެ.

އެކަމާ ގުޅިގެން ރާއްޖެއިން ވެސް ވަނީ އެމެރިކާގެ އެ އަމަލާއި، ވީޓޯކުރުމުގެ ބާރު އޮންނަ ގޮތާމެދު ފާޑުކިޔައި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!