ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު

ނަރުހުންނަކީ ސިއްހީ ދާއިރާގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ބޭފުޅުން: ނައިބު ރައީސް

ނަރުހުންނަކީ ސިއްހީ ދާއިރާގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބޭފުޅުންކަމާމެދު ޝައްކެއްނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނާއިބު ރައީސް ވިދާޅުވީ ނަރުހުންނަކީ ސިއްހީ ދާއިރާގައި އެންމެ ބުރަކޮށް އަދި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތް ކުރާ ހިތްވަރު ގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.

އަދި ނަރުހުންގެ އަގުހުރި މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެންކަން އެމަނިކުފާނުވަނީ ފާހަގަ ކުރައްވާފައެވެ.

މޭ 12 ވަނަ ދުވަހަކީ ދުނިޔޭގެ ނަރުހުންގެ ދުވަހެވެ. މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސް އިން ކަނޑައަޅާފައިވަނީ “އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ” އެވެ.

މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާ ކުރަނީ ގައުމީ ވާޖިބެއް ކަމަށާއި ނަރުހުން އަދާކުރަނީ އިންސާނިއްޔަތު ކަމުގެ އަގުހުރި ޒިންމާއެއް ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!