މީގެ ފަހުން 10،000 ޑޮލަރަށް ވުރެ ގިނައިން ބޭރަށް ގެންދެވޭނީ އެ ފައިސާ ހޯދިގޮތެއް ބުނެދިނުމަށްފަހު ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވައި ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރަށް ނަގުދު ފައިސާ ބޭރުކުރުމުގައި މީގެ ކުރިން ގެންގުޅުނު އުސޫލުތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން ވަނީ މިކަމަށް ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި މީގެ ފަހުން 10،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ރާއްޖެއިން ބޭރަށް ގެންދަން ބޭނުންވާނަމަ، ބައިނަލްއަގްވާމީ މިންގަނޑުތަކުގެ މަތިން "ސޯސް އޮފް އިންކަމް" ބަޔާން ކުރަން ޖެހޭނެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ކުރިން އެއްވެސް އިމެއް ނެތި ބިދޭސީން ހަފްތާއަކު އެއްފަހަރު ގޮތަކަށް ރާއްޖެއިން ބޭރަށް އެތައް ލައްކަ ޑޮލަރެއް ބޭރަށް ހިފައިގެންދެއެވެ. އޭރު ނަގުދު ފައިސާ ރިޕޯޓު ކުރުމުގެ ގަވާއިދު އޮތް ގޮތުން ގަވާއިދާ ހިލާފަށް ފައިސާ ބޭރުކުރާ ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅެއެވެ. މަފާޒު ވިދާޅުވީ އެ ގަވާއިދުގައިވާ ގޮތުން އެޅެން އޮތް ހަމައެކަނި ފިޔަވަޅަކީ އޮޅުވާލައިގެން ނުވަތަ ކަސްޓަމްސް އިން ގިނަ އަދަދެއްގެ ފައިސާ ފޮރުވުމުގެ މައްސަލަތަކުގައި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގުތަކާއި ދައުވާތައް ފެށުމެވެ.
އެހެންނަމަވެސް ކޯޓުގެ ޝަރީއަތްތައް ދިގުދެމިގެން ގޮސް، އިޖުރާއީ މައްސަލަތައް ބޮޑުވެ ގިނަ މައްސަލަތައް ސާބިތުނުވާ ކަމަށް އޭނާ އަލިއަޅުވާލެއްވި އެވެ. މީގެ އިތުރުން ޖިނާއީ ދައުވާ އުފުލުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަ ނުވާތީ ގިނަ މައްސަލަތަކެއް ކުރިއަށް ނުގެންދެ އެވެ.
އެގޮތުން ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ގަވާއިދަށް ވަނީ ބޮޑު އިސްލާހެއް ގެނެވިފައެވެ. ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން މި ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. މިއާއެކު ބިދޭސީއަކަސް، ދިވެއްސަކަށްވެސް މިހާރު އެގޮތައް އަމަލު ނުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމަ މިއާއެކު މި އިސްލާހާ ގުޅިގެން ރާއްޖެއިން ބޭރަށް ނަގުދު ފައިސާ ބޭރުކުރުން ގާތްގަނޑަކަށް ވަނީ ހުއްޓުމަކަށް އައިސްފައިވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވެއެވެ.