މޯލްޑިވްސް ގޭސް

ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ ބޮޑު މަޝްރޫއެއް ފަށަނީ

ދައުލަތުގެ ގޭސް ކުންފުނި މޯލްޑިވް ގޭސްއިން ގޭސް ރައްކާކުރާ މިންވަރު އިތުރު ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ ދައުލަތުގެ ގޭސް ކުންފުނި މޯލްޑިވް ގޭސްއަށް މިހާރު ރައްކާކުރެވެނީ 35 ދުވަހަށް ބޭނުންވާ ގޭސްކަމަށާއި، މިހާރު އެ ކުންފުނިން މަސައްކަތްކުރަމުންދަނީ 5 މަސްދުވަހަށް ބޭނުންވާ ގޭސް ރައްކާކުރެވޭނެ ޤާބިލުކަން ގާއިމުކުރުމަށެވެ.

 ގޭސް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތަކީ، އެ ޚިދުމަތަކާ ނުލައި ދިވެހިންގެ ދިރިއުޅުމުގެ މުހުތާދުތައް ފުއްދުމަށް ދަތިވާނެ ޚިދުމަތެއް ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.

އެހެންކަމުން އޭނާގެ އަމާޒަކީ ޚިދުމަތުގެ އަގަށް ބަދަލެއް ނުގެނެސް، ދެމެހެއްޓެނެވި ގޮތެއްގައި ކުންފުނީގެ ޚިދުމަތްދީ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެހެން މަސައްކަތްކުރެއްވުމާއެކު، ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުން ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.

"މި ޚިދުމަތަކީ އެއާ ނުލައި ދިވެހިންގެ ދިރިއުޅުމުގެ މުހުތާދުތައް ފުއްދަން ދަތި ޚިދުމަތަކަށްވާތީ، [އަމާޒަކީ] ޚިދުމަތް މެދުނުކެނޑި ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް އިތުރަށް ރަނގަޅުކޮށް، ދެމެހެއްޓެނެވި ގޮތެއްގައި، އަދި އަގަށް ބަދަލެއް ނުގެނެސް [ޚިދުމަތް ފޯރުކޮށްދިނުން]،" އަބްދުﷲ ވިދާޅުވިއެވެ.

ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި މޫސުމާ ގުޅިގެން ގޭހުގެ އަގު އުފުލޭކަން ފާހަގަކުރެއްވުމާއެކު އަބްދުﷲ ވިދާޅުވީ ގޭސް ކުންފުނިން ޚިދުމަތް ފޯރުކޮށްދޭތާ 25 އަހަރު ވެގެންދާއިރު ގޭހުގެ އަގު ބޮޑުތަނުން އުފުލިގެން ގޮސްފައިނުވާ ކަމަށެވެ. ކުންފުނީގެ އާމްދަނީއަށް ތާށިކަން ކުރިމަތިވެ ކުންފުންޏަށް މާލީ ގޮތުން ދަތިވާ ހާލަތުގައިވެސް ގޭހުގެ އަގު އެއް މިންގަނޑެއްގައި އެ ކުންފުނިން ހިފަހައްޓަމުން އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނެވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމާއެކު ޚިދުމަތުގެ އަގު އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގޭސް ކުންފުނިން ގޭސް ރައްކާކުރުމުގެ ޤާބިލުކަން ކުޑަވުންކަން ފާހަގަކުރައްވަމުން އަބްދުﷲ ވިދާޅުވީ މިހާރު ގޭސް ރައްކާކުރެވެނީ 35 ދުވަސް ނުވަތަ 40 ދުވަހަށް ބޭނުންވާ މިންވަރަށް ކަމަށެވެ.

"ގާތްގަނޑަކަށް 35 ދުވަހަށް ނުވަތަ 40 ދުވަހަށް ބޭނުންވާ މިންވަރުގެ ސްޓޯރޭޖެއް އަޅުގަނޑުމެންގެ މިހުންނަނީ ތިލަފުށީގައި ޤާއިމުކުރެވިފައި. ނަމަވެސް މީގެ ހައެއްކަ އަހަރުކުރި ތިނަދޫގައި ސްޓޮރޭޖެއް ގާއިމުކުރަން އެބަހުރި މަސައްކަތްކުރެވިފައި. ނަމަވެސް އެއީ ލެވިފައިވާ ފާރުގަނޑަކަށް ވެފައިވާ ކަމެއް،" އަބްދުﷲ ވިދާޅުވިއެވެ.

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ތެލާއި ގޭހުގެ އަގަށް ބަދަލުތައް އަންނަކަމަށާއި، މިހާރު ގޭސް ކުންފުނީގެ އަމާޒަކީ ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަޝްރޫޢެއް ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި ތިލަފުށީގައި ފެށިގެންދާނެއެވެ.

އަބްދުﷲ ވިދާޅުވީ ތިލަފުށީގައި ފަށާ މަޝްރޫޢު ނިމޭއިރު އެކުންފުންޏަށް ގޭސް ރައްކާކުރެވޭ މިންވަރު 2،500 ނުވަތަ 3،000 މެޓްރިކް ޓަނަށް އިތުރުވާނެ ކަމަށެވެ. އަދި ކުރިން ފަށާފައި ނުހިނގާ އޮތް ތިނަދޫގައި ގޭސް ރައްކާކުރުމުގެ ގާބިލުކަން ޤާއިމުކުރުމުގެ މަޝްރޫޢު ނިންމުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެތަން އޮޕަރޭޝަނަށް ގެނެވުމުން ސްޓޮރޭޖު 4،000 މެޓްރިކް ޓަނަށް ނުވަތަ 4،500 މެޓްރިކް ޓަނަށް އިތުރުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އޭގެ މާނައަކީ ރާއްޖޭގެ ގޭސް 4 މަސްދުވަހަށް ނުވަތަ 5 މަސްދުވަހަށް އެއިރުން ރައްކާކުރެވުނީ. އެހެންވީމާ 35 ދުވަހުގެ [ގޭސް] ރައްކާކުރެވޭ ސްޓްރޭޖު އަޅުގަނޑުމެންނަށް އިތުރުކުރެވެނީ 4 ނުވަތަ ފަސް މަހަށް،"

ސްޓޮރޭޖު އިތުރުކުރެވިގެން ދިއުމުން ދުނިޔޭގައި ހިނގާ އެކި ކަންކަމުން ގޭހުގެ އަގަށް އަންނަ ނޭދެވޭ އަސަރު ރާއްޖޭގައި ގޭސް ވިއްކާ އަގަށް ބޮޑު ގެއްލުމެއް ނާންނާނެ ކަމަށާއި އަދި ގޭސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢު މި އަހަރު ނިމިގެންދާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!