ޑްރަގު މައްސަލައެއްގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 15 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން މިމަހުގެ ނުވަ ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި 21 އަހަރާއި 37 އަހަރާ ދެމެދުގެ ހަ މީހުން ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މި އޮޕަރޭޝަނުގައި އެ މީހުން ތިބި އެޕާޓްމަންޓް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 37 ރަބަރު ޕެކެޓް އަދި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިދާރާއިން ބުނީ މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ހަތް ދުވަހަށް، ތިން މީހުން 10 ދުވަހަށް އަދި އެކަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

އަދި މިމަހުގެ ނުވަވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި 19 އަހަރާއި 28 އަހަރާ ދެމެދުގެ 9 މީހުން ހައްޔަރުކޮށްފައިވާއިރު މި އެންމެންނަކީ ވެސް ދިވެހިންނެވެ. ފުލުހުން ހާމަކުރިގޮތުގައި މީގެތެރޭގައި ހިމެނެނީ އަންހެނަކާއި 8 ފިރިހެނުންނެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށް މި މީހުން ތިބި އެޕާޓްމަންޓް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަކު ތިން ދުވަހަށް އަދި ހަތް މީހުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ފުލުހުން ވަނީ އަނެއް މީހާ ދޫކޮށްލާފައެވެ.

advertisement
ހިޔާލު ދެއްވާ!